ބީލަމަށް ހުޅުވާ ނުލައި މަޝްރޫއުތައް ހިންގަން ހަވާލުކުރެވޭ ގޮތަށް މާލިއްޔަތު ގަވާއިދަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގެނައި އިސްލާހު އުވައިލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަނެއްކާ ވެސް ސަރުކާރުގައި އެދިއްޖެ އެވެ.
އޭސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މާލިއްޔަތު ގަވާއިދުގެ 10.27 މާއްދާ އޮންނަ ގޮތުގެ ސަބަބުން ކޮރަޕްޝަންގެ ރިސްކްގެ ފުރުސަތު ވަރަށް ބޮޑުކަން އެ ކޮމިޝަންގެ ތަހުގީގުތަކުން އަބަދުވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންވެ، އެ މާއްދާ އުވާލަން ފެންނަ ކަމަށް ނިންމައި އޭސީސީން ފިނޭންސް މިނިސްޓްރީ އަށް މިހާރު އަންގާފައިވާނެ ކަމަށް ވެސް އޭސީސީގެ އޮފިޝަލް ވިދާޅުވި އެވެ.
އޭސީސީން އުވައިލަން ލަފާ ދިން މާއްދާގައި ވަނީ ދައުލަތުގެ ފަރާތުން ބިޑްކުރުމަކާ ނުލައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ސަރުކާރުގެ ހިއްސާ ހިމެނޭ ކުންފުންޏަކާ ހަވާލުކޮށްގެން އެ މަސައްކަތެއް ކުރެވިދާނެ ކަމަށެވެ.
ނަމަވެސް މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅަން ވާނީ މަސައްކަތުގެ ބާވަތާއި މަަސައްކަތުގެ އަގާއި މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭ ގޮތަށް ނެޝަނަލް ޓެންޑަ ބޯޑަށް އެ މައުލޫމާތު ހުށަހަޅައި މިނިސްޓަރުގެ ލަފާގެ މަތިން އެ ބޯޑުގެ ހުއްދަ ލިއުމަކުން ހޯދުމަށް ފަހުގަ ކަމަށް ބުނެފައިވެ އެވެ.
ބޭރު ގައުމެއްގެ އެހީގައި ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ކަނޑައަޅާ ބިޔަ މަޝްރޫއެއް ހިންގުމުގައި ބިޑްކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫއެއް ހިންގިދާނެ ކަމަށް ވެސް އެ ގަވައިދުގައިވެ އެވެ. މިގޮތުން މަޝްރޫއު ހަވާލުކުރެވޭ ފަރާތަކީ މާލީ ގޮތުންނާއި ފަންނަނީ ގޮތުން އެ މަޝްރޫއެއް ހިންގުމަށް އެކަށީގެންވާ ފަރާތެއް ކަން ކަށަވަރުކުރަންވާނެ ކަމަށް ގަވައިދުގައިވެ އެވެ.
މީގެކުރިން މާލިއްޔަތު ގަވައިދުގައި އޮންނަނީ ދައުލަތަށް ތަކެއްޗާއި ހިދުމަތް ހޯދުމަށް ހަވާލުވެ ހުރި ފަރާތްތަކަށް އެ މަސައްކަތްތަކުގެ ތެރެއިން ނާޖާއިޒު ފައިދާ ނުހޯދޭނެ ގޮތަށެވެ. އެގޮތުން، 35،000ރ. އަށް ވުރެ ބޮޑު މަސައްކަތެއް ކުރާ ނަމަ ބަޔަކު ހޯދަން ޖެހެނީ އާއްމުކޮށް އިއުލާންކޮށްގެން ވާދަވެރި މާހައުލެއްގެ ތެރެއިންނެވެ. އެކަމަކު، މަޝްރޫއުތައް އަވަސްކުރުމުގެ ބޭނުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މި މާއްދާ ވަނީ އިސްލާހުކޮށްފަ އެވެ.
އެ މާއްދާ އިސްލާހުކޮށް، ބިޑުކުރުމެއް ނެތި ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް ދެ ބިލިއަން ރުފިޔާ އަށް ސިންގަޕޫރުގެ ޗެންހުއާ ހަވާލު ކުރުމާއި ނަސަންދުރާގެ ބިން 50 އަހަރަށް ކުއްޔަށް ދިނުން ހިމެނެ އެވެ.