ދިވެހީންނަށް ދެން ގާނޫނުގެ ހިމާޔަތެއް ލިބޭނީ އަނެއްކާ ވެސް މަގުމައްޗަށް ނިކުމެ، އަޑުއުފުލުމުން ކަމަށް، މާލޭގެ ކުރީގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބުރާ) މިއަދު ވިދާޅުވެއްޖެ އެވެ.

ޖުޑީޝަލް ކޮމިޝަނުން ކުއްލި ގޮތަކަށް ހައިކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަތަކެއް ބަލަން ފަށާފައިވާކަން ހާމަކުރިކުރުމަށް އިޝާރާތްކުރައްވައި ސޯޝަލް މީޑިއާގައި އިބުރާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު މި ފެންނަނީ ރާއްޖޭގެ ކޯޓުތައް އެޑްމިނިސްޓްރޭޓިވް ޓްރައިބިއުނަލްތަކަކަށް ބަދަލުކުރުމުގެ މަރުހަލާގެ ދެވަނަ ފިޔަވަހި ފެށުނު މަންޒަރު ކަމަށެވެ. އަދި މިއީ ކަންބޮޑުވުންހުރި ކަމެއް ކަމަށް ވެސް ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ އެ ކަން ކުރެވެންދެން ސަރުކާރުން އެކި ހައްގުތައް ހިފަހައްޓާނެ ކަމަށް ވެސް އޭނާ ވިދާޅުވެފަ އެވެ.

"ދިވެހީންނަށް ދެން ޤާނޫނުގެ ޙިމާޔަތެއް ދެންލިބޭނީ އަނެއްކާވެސް މަގުމަތީން. އެދުވަހެއް އަންނާންދެން، ދައުލަތުން ބޭނުންވިއިރަކު އަހަރެމެން ހައްޔަރުވެސް ކުރާނެ. އަނިޔާވެސް ކުރާނެ. މުދާ ވެސް އަތުލާނެ. ގެދޮރުންވެސް ނެރޭނެ. ދަތުރުކުރުން ވެސް ހުއްޓުވާނެ. ވިޔާފާރިތައް ބަންދުކުރުވާނެ. އުނގެނުމުން މަޙްރޫމުކުރުވާނެ. ދޫތައް ބަންދުކުރާނެ" އިބުރާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރާއި ހުސްނުއްސުއޫދު ކުއްލިގޮތަކަށް ސަސްޕެންޑުކުރި ދުވަހަކީ ރާއްޖޭގެ ކޯޓުތައް އެޑްމިނިސްޓްރޭޓިވް ޓްރައިބިއުނަލްތަކަކަށް ބަދަލުކުރުމުގެ މަރުހަލާ އައިކަން އެނގުނު ދުވަސް ކަމަށް އިބުރާ ލިޔުއްވާފައިވެ އެވެ.

ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައި ކާމިޔާބުނުވުމުން ސުޕްރީމް ކޯޓަށާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް އެ މައްސަލަ އޭނާ ހުށަހެޅުއްވި ކަމަށް ވެސް އިބުރާ ލިޔުއްވާފައިވެ އެވެ. އޭނާ ލިޔުއްވިގޮތުގައި، ހައިކޯޓުންނާއި ސުޕްރީމް ކޯޓުންނާއި މަޖިލީހުން ވެސް މައްސަލަ ބަލައިނުގަތެވެ.

އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ވިދާޅުވީ، ހައިކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަން ފެށުމަކީ ޤާބިލު ފަރާތްތައް ފަނޑިޔާރުކަމުން ވަކިކޮށް، ސިޔާސީގޮތުން އައްޔަންކުރެވޭ މީހުން ފަނޑިޔާރުކަމަށް ގެނައުމަށްފަހު ކޯޓުތައް ކޮންޓްރޯލްކުރުމަށް ޓަކައި ސަރުކާރުން ކުރާ މަސައްކަތެއް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައިކޯޓުގެ ބެންޗުގައި ހިމެނޭ 11 ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއިން އަންނަނީ ބަލަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހައިކޯޓުގެ 11 ފަނޑީޔާރުންގެ ތެރެއިން ޖޭއެސްސީން ސުލޫކީ މައްސަލަ ބަލަމުން އަންނަނީ އިސްފަނޑިޔާރުކަމުގެ މަސްއޫލިއްޔާތުން މި ހަފްތާގައި އިސްތިއުފާދިން މުހައްމަދު ފައިސަލްއާއި، ޖޭއެސްސީގައި ހައިކޯޓު ތަމްސީލް ކުރައްވާ މުހައްމަދު ނިޔާޒް އަދި ހުސެއިން މަޒީދުއާއި ހައިކޯޓުގެ ތިން އަންހެން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ކަމަށްވާ ފާތިމަތު ފަރުހީޒާ އަދި ދީބާނާޒް ފަހުމީގެ މައްސަލަ އެވެ.

ފައިސަލްގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދާ ކަމަށް ރިޕޯޓްތައް ލިބިފައިވާއިރު، ފައިސަލް ވަނީ ކުއްލި ގޮތަކަށް އިސްފަނޑިޔާރުކަމުގެ މަސްއޫލިއްޔާތު ތަކުން އިސްތިއުފާ ދެއްވައިފަ އެވެ. މާރިޗު މަހު ފައިސަލްއަށް އިސްފަނޑިޔާރުކަން ދޭން ޖޭއެސްސީން ނިންމި ނަމަވެސް، އަށް މަސްވެގެން ދިޔައިރު ވެސް ފައިސަލްއަށް އެ މަގާމުގެ ފަތްކޮޅު ނާރުވަ އެވެ.

ހައިކޯޓުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު، ނިޔާޒްގެ މައްސަލަތަކެއް ބަލަމުންދާން ފަށާފައިވާއިރު، އޭނާ ވަނީ ސިއްހީ ސަބަބުތަކާ ހުރެ ފަނޑިޔާރުކަމުން ވަކިވާން ހުށަހަޅާފަ އެވެ.

ފަނޑިޔާރު މަޒީރު، ފަރުހީޒާ އަދި ދީބާނާޒްގެ ސުލޫކީ މައްސަލަތަކެއް ބަލަމުން ދިޔަ ނަމަވެސް އޭގެ ތަފްސީލެއް ނުލިބެ އެވެ. މަޒީދަކީ ވެސް ފަނޑިޔާރުކަމުގައި 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ސީނިއާ ފަނޑިޔާރެކެވެ.