މާލޭގެ ރައްޔިތުންނާ އެކު ރައީސް މުހައްމަދު މުއިއްޒު ބާއްވަވާ ބައްދަލުވުންތައް ފެށުމުގެ ގޮތުން މާދަމާރޭ ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފި އެވެ.
ނޮވެމްބަރު 17 ގައި ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ބޭއްވި ޖަލްސާގައި ރައީސް ވަނީ މާލޭގެ ހުރިހާ އަވަށްތަކެއްގައި ބައްދަލުވުން ބާއްވާނެކަން އިއުލާން ކުރައްވާފަ އެވެ. އެގޮތުން މާފަންނު، މައްޗަންގޯޅި، ގަލޮޅު، ހެންވޭރު، ވިލިމާލެ، ހުޅުމާލެ، ހުޅުމާލެ ފޭސް ދޭއްގައި ބައްދަލުވުންތައް ބާއްވަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ވިލިމާލޭގައި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 8:30 ގައި ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ވިދާޅުވެފަ އެވެ.
މީ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިފަހުން ރައީސް މާލޭގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުއިއްޒު ރައީސް ކަމަށް އިންތިހާބު ވެވަޑައިގެންނެވުމުގެ ކުރިން މާލޭގެ މޭޔަރު ކަމުގައި ހުންނަވައި މާލޭގެ ރައްޔިތުންގެ ހައްގުގައި ހާއްސަކޮށް ވިލިމާލެއަށް މާބޮޑުކަމެއް ކޮށްދެއްވާފައި ނުވެ އެވެ.
ވިލިމާލެ އަކީ ޒަމާނުންސުރެ އަޅާނުލެވި ދޫކޮށްލާފައި އޮންނަ މާލޭގެ އަވަށެކެވެ. އަބަދުވެސް އިންތިހާބުތަކާއި ދިމާކޮށް ސިޔާސީ ވެރިން ވައުދުވެ ވަޑައިގެންނެވި ނަމަވެސް ވިލިމާލޭގެ މަގުތަށްވެސް އެންމެފަހުން ހަދާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގަ އެވެ.
އަތްފޯރާ ފަށުގައި "ސްނޯ" ތަޖުރިބާ ކޮށްލަން ބޭނުންތަ؟
މާބަނޑުއިރު އިތުރުވި ބަރުދަން ލުއިކުރަން އެހީއެއް!