ބޮލީވުޑްއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް މުނިފޫހި ފިލުވުގެ ދާއިރާއަށް ވާއިރު އެ ދާއިރާގައި ކޮންމެ އަހަރަކު ވެސް އެތައް ހާދިސާއެއް ހިނގަ އެވެ.

އެގޮތުން 1980ގެ އަހަރުތަކުގައި ހިނގި އެއް ހާދިސާއަކީ އެ ހާދިސާއެއްގެ ސަބަބުން އޭރު ބޮލީވުޑްގައި ކާމިޔާބު އެކްޓަރެއްގެ ފިލްމީ ހަޔާތް އެފުށް މިފުށަށް ޖެހުނު ހާދިސާ އެކެވެ.

1982 ވަނަ އަހަރު ރިލީޒް ކުރެވުނު ފިލްމު "ކޫލީ"ގެ ޝޫޓިންގެ ތެރެއިން ހިނގި އެ ހާދިސާގައި މަޝްހޫރު އެކްޓަރު އަމީތާބް ބައްޗަންގެ ސަބަބުން އެ ފިލްމުގެ ވިލަންގެ ރޯލުން ފެނުނު ޕުނީތު އިއްސާރްގެ ކެރިއަރު ހަލާކުވި އެވެ.

ހަބަރުތައް ބުނާ ގޮތުގައި އެ ފިލްމުގެ ތަޅާފޮޅާ މަންޒަރެއް ނެގުމުގެ ތެރޭގައި ނުބައި ވަގުތަކާ ދިމާކޮށް ފުންމާލުމުގެ ސަބަބުން އަމީތާބުގެ ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާތަކެއް ލިބުނެވެ.

އެ އަނިޔާއާއެކު އެތައް ދުވަހެއް ވަންދެން އައިސީޔޫގައި އޭނާއަށް ފަރުވާދިން އިރު އެކަމުގެ ތުހުމަތު ގިނަ ބަޔަކު އެޅުވީ އޭނާއާއެކު އެ މަންޒަރުގައި ދެން ހަރަކާތްތެރިވި ޕުނީތު އަށެވެ.

އެ ދުވަސްވަރު އަމީތާބުގެ މަޝްހޫރުކަން އިންތިހާއަށް ގޮސްފައިވީއިރު ޕުނީތުގެ ސަބަބުން އޭނާއަށް އަނިޔާވުން ވެގެން ދިޔައީ އާއްމުންގެ ނަފްރަތު އަމާޒުވެ ބޮލީވުޑްގައި ވެސް އޭނާ އެކަހެރިވި ކަމަކަށެވެ.

އެގޮތުން އެ ހާދިސާއަށްފަހު ޕުނީތުއަށް ލިބިފައި އޮތް ދިހަ ވަރަކަށް ފިލްމު ގެއްލުނު ކަމަށާއި ޖެހިގެން އައި ހައެއްކަ އަހަރު އެއްވެސް މަސައްކަތެއް ނުލިބި އުޅެން ޖެހުނު ކަމަށް ވެސް ޕުނީތު ބުންޏެވެ.

ފަރުވާއަށްފަހު ހާލު ރަނގަޅުވުމުން އަމީތާބު ވަނީ ޕުނީތުއާ ބައްދަލު ކޮށް އެ ހާދިސާގައި ޕުނީތުގެ ކުށެއް ނެތް ކަމަށް ބުނެ އޭނާއަށް ތަސައްލީ ދީފަ އެވެ.