މާލޭގައި އިންފްލުއެންޒާއާއި ޑެންގޫ ހުން ވަރަށް ގަދައަށް ފެތުރެމުންދާތީ، ސަމާލުވުމަށް ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް އިލްތިމާސްކުރައްވައިފިއެވެ.

ޑޮކްޓަރު ފައިސަލް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގައި އިންފްލުއެންޒާ ވަރަށް ގަދައަށް ފެތުރެމުންދާއިރު، މާލެ އަތޮޅުގައި ޑެންގީ ހުން ވަރަށް ބޮޑަށް ފެތުރެމުންދާ ކަަމަށެވެ. ޚާއްސަކޮށް މާލެ އަތޮޅު މާފުއްޓާއި، ހިންމަފުށީގައި ޑެންގީގެ ކޭސް އިތުރު ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ބައެއް ކުދިންގެ ގައިގައި ރިއްސާވަރުން ނުހިނގޭ ހާލަތަށް ވެސް ދާ ކަމަށާއި، އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުން މުހިންމު ކަމަށެވެ.

އިންފްލުއެންޒާ އަދި ކޮވިޑް ފަދަ އަރިދަފުސް ރޯގާގެ ބަލިތަކުން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް:

  • އަރިދަފުސް ރޯގާޖެހިއްޖެ ނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމަތީގައާއި ނޭފަތުގައި ޓިޝޫއެއް ފަދަ އެއްޗެއް އެޅުން އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން
  • ޢާއްމު ސާފުތާހިރުކަމަށް ޚާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުން
  • ރޯގާޖެހި ކެއްސާ ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން
  • ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުން
  • ބަލި ޖެހުމުން ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިންޖެހުން އަދި މި ފަރާތްތައް ރޯގާ ޖެހި ހުން އަންނަ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން
  • ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާއެކު ވީހާ ވެސް މަދުމީހުން ހޮސްޕިޓަލަށް ދިއުން، އަދި ބަލިމީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުމާއި ކޮންމެހެން ހޮސްޕިޓަލަށް ދާންނުޖެހޭ ހާލަތްތަކުގައި މެނުވީ ހޮސްޕިޓަލަށް ދިއުން މަދުކުރުން

ޑެންގޫ އަކީ އީޑީޒް މަދިރީގެ ސަބަބުން ޖެހޭ ބައްޔެކެވެ. މަދިރީގެ ސަބަބުން ޖެހޭ ބަލިތަކުން ސަލާމަތްވުމަށް އެންމެ މުހިންމު ކަމަކީ މަދިރި ހެފުމުން ރައްކާތެރިވުމެވެ. މަދިރި ހެފުމުން ރައްކާތެރިވުމަށް، މަދިރި ލޯޝަން ބޭނުންކުރުމާއި މަދިރި ގިނަވާ ވަގުތުތަކުގައި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ.

މިފަދަ ބަލިތައް ކަމަށް ޝައްކުކުރެވޭ އަލާމާތްތައް ފެންނަނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަކަށް ދެއްކުމަށް ކަމާ ބެހޭ މާހިރުން އިލްތިމާސްކުރެ އެވެ.