އަޖޭ ދޭވްގަންއަކީ ބޮލީވުޑްގައި 90ގެ އަހަރުތަކުން ފެށިގެން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަރި އެކެވެ. އޭނާގެ ކެރިއަރުގައި ކޮމެޑީ، ރޮމޭންސް އަދި އެކްޝަން ފިލްމުތައް ވެސް ކުޅެފައިވެ އެވެ.

މީގެ ކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބޮލީވުޑްގެ މިހާރުގެ ހާލަތާ ބެހޭގޮތުން ވާހަކަ ދައްކަމުން އަޖޭ ބުނެފައިވަނީ ކުރިއާ ޚިލާފަށް މިހާރު ބޮލީވުޑްގައި ފިރިހެނުން ނޫޅޭ ކަމަށެވެ.

"ރަންވީރު ޝޯ"އަށް ދިން އެ އިންޓަވިއުގައި އަޖޭ ބުނީ ފިރިހެނަކަށް ވަނީ ވަރުގަދަ ހަށިގަނޑެއް ހުރުމުން ނޫން ކަމަށާއި އެހެން ނަމަވެސް އެއީ މީހާގެ އުޅުމާއި މިޒާޖުގެ ގޮތުން ވާ ކަމެއް ކަމަށެވެ.

މިހާރު ބޮލީވުޑްގައި ފެންނަ ތަރިންނަށް ވަރުގަދަ ހަށިގަނޑެއް ލިބިފައިވީ ނަމަވެސް އަސްލު ފިރިހެނުންނަށް ނުވާ ކަމަށް އޭނާ ބުންޏެވެ.

"އަހަރުމެންގެ ޒަމާނުގައި އުޅުނު އެކްޓަރުންގެ ފިލްމުތަކަށް އެހާ ބޮޑު ތަރުހީބެއް ލިބުނީ އެ ފިލްމުތަކުގައި ދައްކުވައިދޭ މަންޒަރުތަކަކީ އެ އެކްޓަރުންނަށް ހަގީގަތުގައި ވެސް ކުރެވިދާނެ ކަންކަން ކަން ގަބޫލު ކުރެވޭތީ. އެކަމަކު މިހާރުގެ އެކްޓަރުން އެހެނެއް ނޫން،" އަޖޭ ބުންޏެވެ.

އެގޮތުން އަމީތާބް ބައްޗަންއާއި ޖެކީ ޝްރޮފް، އަކްޝޭ ކުމާރު އަދި ސަނީ ޑިއޯލްގެ ނަން އަޖޭގެ އިންޓަވިއުގައި އޭނާ ފާހަގަކޮޮށްފައިވެ އެވެ.

އަޖޭ އިތުރަށް ބުނީ އޭނާ އިޝާރާތް އެ ކުރަނީ ވަކި އެކްޓަރަކަށް ނޫން ކަމަށާއި ބޮލީވުޑްގެ މި ޖީލުގެ ފިރިހެން އެކްޓަރުންނަށް ކަމަށެވެ.