ރައީސް ޑރ މުހައްމަދު މުއިއްޒު ވިލިމާލޭ ރައްޔިތުންނާއި ބައްދަލުކުރަން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެކަނިވެރި މައެއްގެ އުދާސްތައް ހިއްސާކުރިކުރުމަށް ރައްދުދެއްވައި އެ މީހާގެ ޒާތީ މައުލޫމާތުތަކެއް ސޯޝަލް މީޑިއާގައި އާންމުކުރުމަށް ފަހު އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މައާފަށް އެދިވަޑައިގެންފި އެވެ.
ޖަލްސާގައި އެކަނިވެރި މަޔަކު އޭނާގެ ހާލަތު ވަރަށް އަސަރާއި އެކު ވަނީ ކިޔައިދީފަ އެވެ. އެގޮތުން އެ އަންހެން މީހާ ބުނީ އޭނާގެ އެންމެ ހަގު ދަރިފުޅަކީ ލޯފަން ކުއްޖެއް ކަމަށެވެ. އެހެންކަމުން، ރާއްޖެއިން ބޭރަށް ގޮސް 2023 ވަނަ އަހަރު އެ ކުއްޖާގެ ލޮލަށް ފަރުވާ ކުރުމަށްފަހު ރާއްޖެއަށް އައުމުން، ދެން ތިބި ކުދިންނަށް އިހުމާލުވީ ކަމަށް ބުނެ ސޯޝަލް މިނިސްޓްރީން އެކުދިން، އެކުދިންގެ ބައްޕައާ ހަވާލުކުރި ކަމަށް އޭނާ ބުންޏެވެ. އަދި ކުދިންގެ ބައްޕައަކީ ބޮޑު ކުށްވެރިއެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ނަމަވެސް އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް އޭނާގެ އެކައުންޓުގައި ފައިސާ ރޯލްވާ ކަމަށް ބުނެ، އޭނާއަށް ޒަކާތް ނުލިބޭނެ ކަމަށް ޒަކާތު ހައުސް އިން ނިންމި ކަަމަށް އެ އަންހެން މީހާ ބުނެފައިވެ އެވެ.
"މިހާރު ވެސް އަޅުގަނޑުމެން މި ތިބެނީ، ގާތްގަނޑަކަށް ހަތް ވަރަކަށް ދުވަސްވީ ފެނާ ނުލައި މި އުޅެނީ ހުރިހާ ކުދިން ގޮވައިގެން، ހުރިހާ ކުދިން މިހާރު ވެސް އެ ދަނީ މިސްކިތަށް ބީޗަށް ފާޚާނާ ކުރަން، އެކަމަކު އިސްލާމިކް މިނިސްޓްރީއަށް ޒަކާތުގައި ޖެހުނީމާ މި ބުނަނީ ހައްގެއް ނޫނޭ، އެކައުންޓު ރޯލްވެފައޭ މި ބުނަނީ، ކޮބައިތޯ އެކަނިވެރި މައިންގެ އިހުސާސްތަކަކީ؟" އެ އަންހެން މީހާ ބުންޏެވެ.
އެ ބައްދަލުވުމުގައި ދެއްކި ވާހަކަ، ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވެއެވެ. އެ ވީޑިއޯ ސޯޝަލްމީޑިއާގައި ދައުރުވާން ފެށުމުން، ޝަހީމް ވަނީ އެ އަންހެން މީހާގެ މާލީ ހާލަތު ހުރި ގޮތުގެ މައުލޫމާތު ހާމަކުރައްވާފަ އެވެ.
އެގޮތުން، އެ އަންހެންމީހާ އެހީއަކަށް އެދުމުން ޒަކާތު ހައުސްއިން މިދިޔަ ސެޕްޓެމްބަރު މަހު އޭނާއަށް 15،500 ރުފިޔާ ދިން ކަމަށާއި އެކަނިވެރި މައިންނަށް ދައުލަތުން ދޭ އެހީވެސް އެމީހާއަށް ލިބޭ ކަމަށް ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވަނީ އޭނާއަކީ ވަޒީފާ އަދާކުރާ މީހެއްކަން ފާހަގަކުރައްވާފައެވެ. އަދި އެ އެލަވަންސްއާއެކު މަހެއްގެ މައްޗަށް 22،000އަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބޭތީ އެމީހާ ފަގީރުންގެ ދަފުތަރަށް ނާރާ ކަމަށް ޝަހީމް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ވެސް، އެ މީހާގެ ބޭންކު އެކައުންޓުގައި 75،000 ރުފިޔާ އެބަހުރި ކަމަށް ވެސް ޝަހީމް މައުލޫމާތުދެއްވާފައިވެ އެވެ. އަދި އެއީ އެ މީހާގެ ވާހަކައާ ގުޅިގެން ޒަކާތު ހައުސްއިން ފޯރުކޮށްދިން މައުލޫމާތުގެ ކުޑަ މިންވަރެއް ކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފަ އެވެ.
އެ ޕޯސްޓާ ގުޅިގެން ޝަހީމްއަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އެންމެ ފަހުން ޝަހީމް ވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓު ޑިލީޓު ވެސް ކުރައްވާފަ އެވެ. އަދި އެކަމަށް މައާފަށް ވެސް އެދިވަޑައިގަތެވެ.
ގއ. ނިލަންދޫ ކައުންސިލްގެ ކޮރަޕްޝަން މައްސަލައެއް އޭސީސީއަށް
މިސްކިތައް ގެއްލުންދިނުން ޓެރަރިޒަމްގެ އަމަލެއް ގޮތުގައި ހިމަނަނީ
އައިއެމްސީޓީސީ އިން ރާއްޖޭގައި އަސްކަރީ ތަމްރީނުތަކެއް ފަށައިފި