މި ސަރުކާރުން އެންމެ ގިނަ މަޝްރޫއުތައް ބިޑަކާ ނުލައި ހަވާލުކުރާ މަޝްހޫރު އާރުސީސީ ކުންފުންޏަށް އަނެއްކާ ވެސް 244 މިލިޔަން ރުފިޔާގެ އިމާރާތެއް އަޅަން ހަވާލުކޮށްފި އެވެ.

އާރުސީސީއަކީ ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ އާއިލީ ވިޔަފާރި ކުންފުންޏެކެވެ. މި ސަރުކާރުން ބިޑަކާ ނުލައި މަޝްރޫއުތައް ބަހަން ނިންމި ކެބިނެޓްގައި ވެސް އުޝާމް އިންނަވަ އެވެ.

ސަރުކާރުން މިފަހަރު އާރުސީސީއާ ހަވާލުކުރީ ހުޅުމާލޭގައި "ދާރުއްސަލާމް" ގެ ނަމުގައި އަޅާ ވަގުފު އިމާރާތުގެ މަސައްކަތެވެ.

މި މަޝްރޫއުގެ ބިންގާ ރައީސް މުހައްމަދު މުއިއްޒު އާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މިއަދު އަޅައިދީފަ އެވެ.

ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ "ދާރުއްސަލާމް" ވަގުފު އިމާރާތުގެ ބިންގާ ރައީސް މުހައްމަދު މުއިއްޒު އަޅައިދެނީ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި އިމާރާތް އަޅަނީ ހުޅުމާލެ ޕްލޮޓް ނަންބަރު 11646 (އަމީން އެވެނިއު ކުރިމަތީ)ގައި އޮންނަ ބިމުގަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޒަމާނީ ވަސީލަތްތަކާއެކު 12 ފަންގިފިލާއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި ޢިމާރާތުގެ ބޭސްމަންޓުގައި ޕާކިން ސަރަޙައްދެއް ހެދުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި ​ގްރައުންޑް ފްލޯގައި ރިސެޕްޝަން ސަރަޙައްދާއި އިތުރު ޕާކިން ވަސީލަތްތައް ހުންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ އިމާރާތުގެ 2 އަދި 11 ވަނަ ފަންގިފިލާގައި ކޮންފަރެންސް ހޯލެއް ހުންނާނެ ކަމަށެވެ. އަދި ދެން ހުރި ފަންގިފިލާތަކުގައި ޒަމާނީ އޮފީސް ބައިތަކާއި މީޓިން ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރިއެއް ހުންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ. އަދި މި އިމާރާތުގައި ޑޭ ކެއާ ސެންޓަރެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނީ ބުނެ އެވެ.

މި އިމާރާތުގެ ރޫފް ޓޮޕް ހުންނާނީ އޯޕަން ޓެރަސްއެއްގެ ގޮތުގައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދެ އަހަރުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢު ނިންމުމަށް ފަހު 5 އަހަރު ދުވަހަށް އިމާރާތުގެ މެއިންޓެނަންސް މަސައްކަތް އާރްސީސީއިން ކުރާނެ ކަމަށެވެ. އަދި މިއީ، ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފައިނޭންސް ކުރާ މަޝްރޫއެއް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މި މަޝްރޫއުގެ އިތުރުން މާލޭގައި 39 މިލިއަން ރުފިޔާއަށް 12 ބުރީގެ ދާރުލްއަރުގަމް ވަގުފް އިމާރާތުގެ މަސައްކަތް ވެސް އިސްލާމިކް މިނިސްޓްރީން ހަވާލުކުރީ އެ ކުންފުންޏާ އެވެ. މީގެ އިތުރުން 55 ކައުންސިލް އިމާރާތް އަޅަން 800 މިލިއަން ރުފިޔާ އަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ހަވާލުކުރީ ވެސް އާރުސީސީއާ އެވެ.