ފާއިތުވެ ދިޔަ މެއި މަހު އެމެރިކާގެ މިނިއާޕޮލިސްގައި މަރުވި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑް މަރާލިކަމުގެ ކުށް ކުރީގެ ފުލުސް އޮފިސަރު ޑެރެކް ޗައުވިންގެ މައްޗަށް ސާބިތުވެ، ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
އަންގާރަ ދުވަހު އެމެރިކާގެ ކޯޓެއްގައި އޮތް ޝަރީއަތުގައި ޗައުވިންގެ މައްޗަށް އުފުލާފައިވާ ތިން ދައުވާ ވެސް ވަނީ ސާބިތުވެފަ އެވެ. 10 ގަޑިއިރަށް ދެމިގެން ދިޔަ މި ޝަރީއަތުގައި ހެކިވެރިންގެ ހެކިބަހުގެ އިތުރުން އެހެނިހެން ހެކިތައް ވެސް ވަނީ ހުށައަޅާފެ އެވެ.
މި ކުށްތަކުގެ އަދަބެއްގެ ގޮތުން ޗައުވިން އަށް 75 އަހަރާ ހަމައަށް ޖަލުގެ ހުކުމެއް އައުން އެކަށީގެންވެ އެވެ. އަންގާރަ ދުވަހުގެ ޝަރީއަތުގައި ޗައުވިންގެ މައްޗަށް ހުކުމް އިއްވާފައި ނުވާއިރު ހުކުމް އިއްވުމުގެ ޝަރީއަތް ލަހެއް ނުވެ އޮންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯގައި ހުދު ނަސްލަށް ނިސްބަތްވާ 45 އަހަރުގެ ޗައުވިން ޖޯޖް ފްލޮއިޑްގެ ކަރުގައި ކަކޫ ވިއްދައިގެން ހުރިއިރު އޭނާއަށް ނޭވާ ނުލެވޭ ކަމަށް ބުނަމުން ދިޔަ މަންޒަރު ފެނެ އެވެ.
ޝަރީއަތުގެ މި ނިންމުމަކީ ނަސްލީ ތަފާތުކުރުން ތަކާ ދެކޮޅަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. މި ޝަރީއަތަށް ފަހު އެތައްހާސް ބަޔަކު ވަނީ މިނިއާއޮޕޮލިސްގެ އިތުރުން އެމެރިކާގެ އެހެން ހިސާބުތަކުގެ މަގުތަކަށް ނިކުމެ އުފާ ފާޅުކޮށްފަ އެވެ.
ގަސްތުގައި މީހުން މަރާ މީހުންގެ އަދަބަކީ މަރަށް މަރު.