2004 ވަނަ އަހަރު ރިލީޒް ކުރި ޝާހްރުކް ޚާންގެ ކާމިޔާބު ފިލްމު "މޭ ހޫން ނާ"ގެ ސީކުއަލްއެއްގެ މަސައްކަތް ފަށާފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

ބޮލީވުޑްގެ ރިޕޯޓުތަކުން ބުނާ ގޮތުގައި " މޭ ހޫން ނާ" ސީކުއަލްގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތް ފަށާފައިވާއިރު އެ ފިލްމް ވެސް ޑައިރެކްޓް ކުރާނީ ފަރާ ޚާން އެވެ.

މި ފިލްމު ވެގެން ދާނީ މިއަންނަ އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ ފިލްމު "ކިންގް"އަށްފަހު އޭނާގެ ފުރަތަމަ ޕްރޮޖެކްޓަށެވެ.

"މޭން ހޫން ނާ"ގެ ސީކުއަލްގެ މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް އެކަން އެ ފިލްމުގެ ޓީމުން ޔަގީން ކޮށްދީފައެއް ނުވެ އެވެ.

އަދި ހަމައެއާއެކު އެ ފިލްމުގެ ދެވަނަ ބައެއް އުފައްދާނަމަ އޭގައި ފެނިގެންދާނެ ތަރިންނެއް ވެސް އެ ރިޕޯޓުތަކުގައި ބުނެފައެއް ނުވެ އެވެ.

ޝާހްރުކް ޚާންގެ އިތުރުން ސުޝްމިތާ ސެން، ޒައިދު ޚާން، އަމްރިތާ ރާއޯ، ކިރަން ކޭރް އަދި ނަސީރުއްދީން ޝާހް މުހިއްމު ރޯލުތަކުން ފެނިގެންދިޔަ "މޭން ހޫން ނާ"ގެ ފުރަތަމަ ބަޔަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނެވެ.