މާލޭގައި ޕާކުކުރުމާއި ޓްރެފިކްގެ މައްސަލަތަކަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް ދައުލަތުގެ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި، މަޝްވަރާކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ޕާކުކުރުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ޕާކުކުރެވޭނެ ޖާގަ އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި މާލޭގެ މަގުތަކުގައި ތޮއްޖެހުން ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިންނާއިއެކު މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

"މި ގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވާ ބައެއް ކަންކަމުގެ ތެރޭގައި، މާލޭގައި ޕާކުކުރުމަށް ހާއްސަ ޖާގަތަކެއް ކަނޑައެޅުމާއި އެ ކަމަށް ހާއްސަ އިމާރާތްތަކެއް ބިނާކުރުމާއި، އާންމު ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ބަހުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރެވިދާނެ މަސައްކަތްތައް ހިމެނޭ. މީގެ އިތުރުން، އެއްގަމުގައި ދުއްވާ އުޅަނދުފަހަރަށް މުދާ އަރުވާ ބޭލުމުގެ ކަންކަން ވަކި އިންތިޒާމެއްގެ ދަށުން ހަމަޖެއްސުމާއި، ކުނި ނެގުމުގެ އިންތިޒާމުތައް މިހާރަށްވުރެ ހަރުދަނާކުރުމާއި ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި،" ރައީސް އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގެ ބައިވެރިން ވަނީ މި މައްސަލަތައް ޙައްލުކުރުމުގައި އެ ބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ ދާއިރާތަކުން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން އެ ބޭފުޅުންގެ ޚިޔާލު ނައިބު ރައީސާ ހިއްސާކުރައްވާފައިވާ ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމާއި، މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއީލާއި، މިނިސްޓަ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަ އަޙްމަދު ނަސީމާއި އަހުމަދު ސަމީރުގެ އިތުރުން މާލެ ސިޓީގެ މޭޔަރާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް ބޭފުޅުން ބައިވެވަޑައިގެންނެވި ކަމަށް އެ އޮފީހުން ބުންޏެވެ.

މާލެ ސަރަހައްދުގައި ޕާކުކުރާނެ ޖާގަ ނެތުމާ ގުޅިގެން ގަވައިދާ ޚިލާފަށް ގިނަ އަދަދެއްގެ ވެހިކަލްތައް ޕާކުކުރެ އެވެ. އަދި ގަވައިދާ ހިލާފަށް ޕާކުކުރާ ވެހިކަލްތަކުގައި ފުލުހުން ސްޓިކާ ޖަހަމުންގެންދާތީ ގިނަ ބަޔަކު ޝަކުވާކުރެ އެވެ.