އިންޑިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދު ރެކޯޑު އަދަދަކަށް މައްޗަށް ގޮސްފި އެވެ.

އެގޮތުން ބުރާސްފަތި ދުވަހު އެ ގައުމުގައި 314،835 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

މިއީ މިހާތަނަށް މުޅި ދުނިޔޭގައި ވެސް 24 ގަޑިއިރު ތެރޭގައި އެއް ގައުމަކުން މިހާ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސްތައް ފެނުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދުވާލެއްގެ މައްޗަށް އެންމެ ގިނަ އަދަދަކަށް ކޭސްތައް ފެނިފައިވަނީ އެމެރިކާ އިންނެވެ.

އިންޑިއާގެ ކޮވިޑް ހާލަތު ގޯސްވަމުން ގޮސް ސިއްހީ ދާއިރާއަށް ނުކަތާ ވަރަށް ބަލިމީހުން ގިނަވެ ބައެއް ހޮސްޕިޓަލުތަކުން ދަނީ ކޮންމެ އެނދެއްގައި ދެ މީހުން އެނދުމަތިކޮށްގެން ފަރުވާ ދެމުންނެވެ. އަދި ބައެއް ބަލިމީހުން ގޭގައި ތިބުމަށް ވެސް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ

ސިއްހީ އޮފިޝަލުން ދަނީ ބަލިމީހުންނަށް ބޭނުންވާ ވަރަށް އޮކްސިޖަން ހޮސްޕިޓަލްތަކުގައި ނެތްކަމަށް ބުނެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ދާދި ފަހުން މަހާރަޝްތުރާގެ ނާޝިކްގެ ހޮސްޕިޓަލެއްގައި އޮކްސިޖަން ލީކުވުމުގެ ހާދިސާއެއް ހިނގާ 22 އަށްވުރެ ގިނަ ކޮވިޑް ބަލި މީހުން މަރުވެފަ އެވެ.

ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ގިނަވެ އިންޑިއާގެ ސަހަރާތަކަށް ބާރު ބޮޑުވެފައިވާއިރު ބައެއް އާއިލާތަކުން ވަނީ ގާތްތިމާގެ މީހުންގެ ޖަނާޒާ ބާއްވަން ކިއޫގައި ޖެހެން ޖެހިފަ އެވެ.

އިންޑިއާގެ ސަރުކާރުން ވަނީ ޙާލަތު އެންމެ ގޯސްވެފައިވާ ސަރަހައްދު ތަކުގައި ލޮކްޑައުން އިއުލާން ކޮށްފަ އެވެ. -- ރޮއިޓާސް