އޭޝިއަން އެމެރިކަން ނަސްލުގެ މީހުންނާ ދެކޮޅަށް އެމެރިކާގައި ކުރާ ނަސްލީ ތަފާތުކުރުންތަކާއި އެނޫންވެސް ކުށްތައް ހުއްޓުވުމުގެ މަގްސަދުގައި އެގައުމުގެ ސެނެޓުން ބިލެއް ފާސްކޮށްފި އެވެ.
މި ބިލް ފާސްކޮށްފައި މިވަނީ ކޮވިޑް-19 ގެ ހާލަތުގައި މިފަދަ ކުށްތައް އެ ގައުމުގައި ގިނަވެފައި ވަނިކޮށެވެ.
ޑިމޮކްރެޓުންގެ އަގުލަބިއްޔަތެއް އޮންނަ ސެނެޓުގައި މި ބިލް ފާސްވެގެން ދިޔައީ 1-95 ގެ ތަފާތަކުންނެވެ. ބިލް ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވި ހަމައެކަނި މެމްބަރަކީ މިސޫރީގެ މެމްބަރު ޖޯޝް ހޯލީ އެވެ.
އެމެރިކާގައި އޭޝިއާ ނަސްލުގެ މީހުންނާ ދެކޮޅަށް ކުރެވޭ ކުށްތައް މައްޗަށް ގޮސްފައިވަނީ ކޮވިޑް-19 ޕެންޑަމިކް މުޅި ދުނިޔެއަށް ފެތުރުމުގެ ތުހުމަތު ޗައިނާއަށް ކޮށް، އެ ބަލިމަޑު ކަމަށް "ކަން ފްލޫ"ގެ ނަން އެ ގައުމުގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްވި ހިސާބުންނެވެ.
މި ގާނޫނުގެ ދަށުން ދިފާއީ ބާރުތަކަށް މިފަދަ ކުށްތަކުގައި އަމަލު ކުރާނެ ގައިޑްލައިން އެއް އެކުލަވާލައި އަމަލު ކުރަން ފެށޭނެ އެވެ. އަދި ހަމަ އެހެންމެ އާއްމުންގެ މެދުގައި ނަސްލީ ތަފާތުކުރުންތަކާ މެދު ހޭލުންތެރިކަން އިތުރު ކުރުމުގެ ކެމްޕެއިން ތައްވެސް ކުރިއަށް ދާނެ އެވެ.
މިގާނޫނަކީ އެމެރިކާގައި ނަސްލީ ހަމަހަމަކަން ގާއިމް ކުރުމަށްޓަކައި އެޅުނު ވަރުގަދަ ފިޔަވަޅެއް ކަމަށާއި ގާނޫނު ތަސްދީގު ކުރެވުމާއެކު އޭޝިއާ ނަސްލުގެ މީހުންނަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކަށް ލުޔެއް ލިބޭނެ ކަމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެކްޓިވިސްޓުން ދަނީ ބުނަމުންނެވެ.
މި ބިލް ސެނެޓުން ފާސްވުމާއެކު ރައީސް ޖޯ ބައިޑަން ވަނީ ބިލް ތަސްދީގު ކުރުން އަވަސް ކުރުމަށް ގޮވާލާފަ އެވެ.