"ކީއްތަ ވާނީ އަޅެ މި ބޭބެއަށް ބޯހިޔާކޮށްލާނެ ތަންކޮޅެއް ދެއްވިއްޔާ؟" ﷲ އަށްޓަކައި ވެސް މި ބޭބެއަށް ބޯހިޔާވަހިކަމެއް ދެއްވާ." މިއީ ރައީސް މުހައްމަދު މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ރޭ ބައްދަލުކުރެއްވުމުން ރޮއެރޮއިފައި ރައްޔިތަކު ކުރި އާދޭހެވެ.
ސިލްސިލާކޮށް ބާއްވަމުން އަންނަ ރައްޔިތުންގެ ބައްދަލުވުންތަކުން އެންމެ ގިނަ ބަޔަކު ކަންބޮޑުވާ، އެންމެ ނުރުހުން އަމާޒުވާ މައްސަލަ އަކީ ބޯހިޔާވަހިކަމެއް ނުލިބޭ މައްސަލަ އެވެ.
ރައީސް ބާއްވަވާ ކޮންމެ ބައްދަލުވުމެއްގައި ފެނިގެން ދަނީ ނިކަމެތި ރައްޔިތުން ގެދޮރުވެރިކަމަށް ސަލާންޖަހާ އާދޭހުގެ މަންޒަރުތަކެވެ.
ރައީސްގެ ބައްދަލުވުމުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ހިތްދަތިކޮށްލި އެއްމަންޒަރު ފެނިގެން ދިޔައީ ރޭގައި ގަލޮޅު ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި އުމުރުން 70 އަހަރުން މައްޗަށް ގޮސްފައިވާ މީހެއްގެ އިހުސާސްތަކުންނެވެ.
އދ. މާމިގިއްޔަށް އުފަން މުހައްމަދު މޫސާ މާލޭގައި ދިރިއުޅެނީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ދައުރުން ފެށިގެންނެވެ. އޭނާ ބުނި ގޮތުގައި ދަފުތަރުގައި ޖެހިފައި އޮންނަތާ ވެސް 40 އަހަރު ވެއްޖެއެވެ. އުމުރުން މިހާރު 70 އަހަރު ވެއްޖެއެވެ.
އޭނާއަށް ކުރިން ހުޅުމާލެއިން ގެއެއް ލިބުނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ލިބުނު އެ ގެއާ މެދު ކަންވީ އަދި މާ ބޭއިންސާފުވެރިކޮށެވެ.
މުހައްމަދު މޫސާއަށް ލިބުނު ހަތް ދަރިންގެ ތެރެއިން ފުރަތަމަ ދަރިފުޅަކީ ބަލި ކުއްޖެކެވެ. އޭނާއަކީ އުފެދުމުގައި ފުރަގަސްފަރާތާއި ކުރިމަތިފަރާތުގެ ބައްޔެއް ހުންނަ ކުއްޖެކެވެ. އެހެންވެ، އޭނާގެ މުދަލާއި ހުރިހާ އެއްޗެއް ވިއްކީ އެ ދަރިފުޅަށް ބޭސް ކުރާށެވެ. ފަހުން ސަލާންޖަހައިގެންނެވެ.
ރައީސް މައުމޫންގެ ދައުރުގައި އޭނާއަށް ހުޅުމާލެއިން ގޯތި ލިބުނުކަން އެނގުނީ ޖެހިގެން އައި ދުވަހު އެ ދަރިފުޅު ގޮވައިގެން ލަންކާއަށް ފުރަން ޓިކެޓު ނަގާފައި އޮއްވާ ހަމަ އެ ފުރަން އޮތް ދުވަހުގަ އެވެ. އެކަމަކު ވެސް ހަވީރު އޮތް ގުރުއަތަށް އޭނާ ދިޔައެވެ. އެއަށް ފަހު، އަނެއް ދުވަހު ފުރައިގެން ފަރުވާއަށް ދިޔުމުގެ ކުރިން ދަރިފުޅުގެ ހާލު ބުނެދޭން އޭނާ ދިޔައެވެ. މިނިސްޓްރީން އެދުނީ ސިޓީއެއް ލާށެވެ. އެ ޒަމާނުގައި އަތުލިޔުމުން ލިޔަންޖެހުމުން އެކަން ނުކުރެވުނު ކަމަށް އޭނާ ބުންޏެވެ. އެހެންވެ، އަނެއް ދުވަހު ބޭހަށް ފުރީއެވެ. އެކި މީހުން އަތުން ސަލާންޖަހައިގެން ހޯދި ފައިސާ ހިފައިގެންނެވެ.
އެ ހިތްދަތި ހަނދާންތަކުގެ އިހުސާސްތަކާ އެކު އެ މީހާގެ ހިތްފަޅައިގެން ދިޔަ ކަހަލަ އެވެ. ހިތުގައި ޖެހި އެ ބައްދަލުވުމުގައި ރޮއެގިސްލަމުން ދިޔައެވެ. ރޮމުން އޭނާ ބުނީ އެ ދުވަހު ރޮއެފައި ބުނީމާ ވެސް އެ މީހުން ގޮތްދޫނުކޮށް އެ މީހުން މި ބޭބެ ފޮނުވާލީ ކަމަށެވެ.
އެ މީހާއަށް ލިބުނިއްޔާ ލިބުނު މުދަލެއް ވިއްކީ ދަރިފުޅަށް ފަރުވާކުރަން ކަމަށް އޭނާ ބުންޏެވެ. އެއީ، އޭނާގެ ފުރަތަމަ ދަރިފުޅެވެ.
"ގޯތި ހޯދަން ދިޔައީމާ ބުނީ ގޯއްޗެއް ދެނެއް ނުލިބޭނޭ އަޅުގަނޑާ ދިމާއަށް. ވަގުތު ފާއިތުވެއްޖެއޭ،" ވަގުތު ހޭދަކުރީ އަލަތު ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަންކަން ފާހަގަކޮށް ކަރުނައާ އެކު އެ މީހާ ރައީސަށް ކިޔައިދިނެވެ.
އެ މީހާ އެ ދުވަހުން ފެށިގެން އަދިވެސް ހަތް ކުދިންގެ ގޮވައިގެން މަގުމަތީގައި ދުވަނީއެވެ. އަމިއްލަ ބޯހިޔާވަހިކަމެއް ނެތެވެ. އުޅެންޖެހިފައި އޮތީ ބޮޑު ކުލި ދައްކައިގެންނެވެ.
އޭނާ ބުނި ގޮތުގައި އޭނާއަކީ 15 އަހަރު ސަރުކާރަށް ޚިދުމަތްކޮށްފައިވާ މީހެކެވެ. ޕޯސްޓް އޮފީހާއި އެމްޕީއެލްގައި ވަޒީފާ އަދާކުރި ލިޔުމެއް ވެސް އޭނާ ބައްދަލުވުމުގައި ރައީސަށް ދެއްކި އެވެ.
"މި މުހައްމަދު މޫސާ ދަފުތަރުގައި އިންނަތާ 40 އަހަރު. އެކަމަކު، މި މުހައްމަދު މޫސާއަކަށް އުޅޭނެ ތަނެއް، ވަންނާނެ ތަނެއް ނެތް. ދަފުތަރުގައި ޖެހިފައި އިންނަނީއަކީ ރީއްޗަކަށް ނޫނޭ ކޮއްކޯ. ވަންނާނެ ގެއެއް ގެދޮރެއް ނެތީމާ،" އަސަރުން ފުރި، ކަރުނައާ ހެދި ރަނގަޅަށް ވާހަކަނުދެއްކޭ ހާލު އެ މީހާ ކިޔައިދިނެވެ.
"ކީއްތަ ވާނީ އަޅެ މި ބޭބެއަށް ބޯހިޔާކޮށްލާނެ ތަންކޮޅެއް ދެއްވިއްޔާ؟" ﷲ އަށްޓަކައި ވެސް މި ބޭބެއަށް ބޯހިޔާވަހިކަމެއް ދެއްވާ" އެ ބޭބެ ރައީސް މުހައްމަދު މުއިއްޒުގެ ގާތުގައި ބޯހިޔާކޮށްލާނޭ ތަންކޮޅެއް ދިނުމަށް އެދި ސަލާން ޖަހައި އާދޭސްކުރި އެވެ.
އޭނާ ރޮމުން ކިޔައިދިން ގޮތުގައި މިހާރު ވެސް އުޅެނީ ކުއްޔަށެވެ. އެ މީހާ ރޮމުން ގިސްލަމުން ވާހަކަ ނުދެއްކޭ ހިސާބަށް ދިޔައެވެ. ދިމާވި އެ ހިތްދަތި ކަންތަކުގެ ވާހަތައް އެންމެންގެ ކުރިމައްޗަށް ބަންޑުން ކުރަމުންނެވެ.
މިފަދަ ކަންކަމުން ވެސް އެނގިގެން ދަނީ މި ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލަ އޮތް ހިސާބެވެ. އެ ބޭބެގެ ވާހަކައިން އެނގި ހާމަވީ މީހުން އުޅޭ ނިކަމެތި ހާލެވެ.
މި ފޮޓޯތަކުން އަސްލު ތަރިން ފާހަގަ ކުރަން އެނގޭތަ؟
މޮނިއުމަންޓްގެ ގޮތުގައި ދިރޭތަކެތީގެ ސޫރަ ބެހެއްޓުން ހަރާމް
އަސްލު މީ ވަރަށް ދެރަކަމެއް ރައްޔިތުން ހުރިހާ އެންމެން ކުރިމަތީ މިގޮތަށް އާދޭސް ދަންނަވަން މަޖުބޫރުކުރުމަކީ
ރިޕްލައި