ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެން ބޮޑުވުމުގެ ފުރުސަތު އޮތުމުން ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު އިލްތިމާސްކޮށްފި އެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރަމުންދާއިރު، މެދުރާއްޖެ ތެރެއަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވަނީ މިއަދު ޔެލޯ އެލާޓް ނެރެފަ އެވެ.

މެޓް އޮފީހުން މިއަދު ނެރުނު ޔެލޯ އެލާޓްގައި ބުނީ ޅ އަތޮޅުން ފެށިގެން ވ އަތޮޅަށް މިއަދު 12:45 އަކުން ފެށިގެން ހަވީރު 16:00 އާ ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

އެންޑީއެމްއޭއިން ބުނީ މިއަދު، ބޯކޮށް ވާރޭ ވެހުމާއެކު ވައިގަދަވެ ކަނޑުތައް ގަދަވެ، މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވުމާއި ގުޅިގެން ވިއްސާރަވެ ވައިގަދަވުމާއި ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރާކަމަށެވެ.

ފާއިތުވި ދެ ދުވަހުވެސް މެދު ރާއްޖެތެރޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާއިރު، މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގައި ކަނޑުތައް މިއަދު ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. މީގެ އިތުރުން ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.

ކަނޑުތައް ގަދަވާއިރު، ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.