ހުޅުމާލޭގެ ދެ ވަނަ ފިޔަވީގައި އަޅާފައިވާ ހިޔާ ފްލެޓަށް ކައްކާ ގޭސް ފޯރުކޮށް ދޭނީ ފުޅިތައް އިމާރާތުގެ ތިރީގައި ބަހައްޓައި، ހޮޅި އަޅައިގެން ކަމަށް، ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ވިދާޅުވީ، ހިޔާ ފްލެޓުގެ 6،000 އަށް ވުރެ ގިނަ އެޕާޓްމަންޓުގެ ކޮންމެ ބަޔަކަށް ލިފްޓުން ގޭސް ފުޅި އެރުވުމަކީ ދަތިކަމަށް ކަމަށެވެ. އެހެންވެ އެ ބޮޑު އާބާދީއަށް ގޭސް ފޯރުކޮށް ދޭނެ އިންތިޒާމެއް ހަމަޖައްސަން މޯލްޑިވްގޭސްއާ ވާހަކަ ދައްކަވަމުންދާ ކަމަށެވެ.

"ކޮންމެ ފްލެޓަކަށް ލިފްޓުން ގޭސް އެރުވުމަކީ ވަރަށް ދަތިކަމަށް ވާނެ. އެ ހިދުމަތް ވެސް މީހުން އުޅެން ފަށާއިރަށް ނުވުމަކީ ފަހަރުގައި ވެދާނެ ކަމެއް. އެކަމަކު މި ބަލަނީ މާލަސްތަކެއް ނުވެ އެ ހިދުމަތް ވެސް ދޭން ފަށަން،" ސުހައިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް 10 ދުވަސް ތެރޭގައި ހިޔާ ފްލެޓުތަކުގެ ގުރުއަތުލުމުގެ މަސައްކަތް ނިމި، އަންނަ ހަފުތާ ތެރޭގައި ފްލެޓުތައް ހަވާލު ކުރަން ފަށާނެ ކަމަށެވެ. މީގެ ކުރިން ހިޔާފްލެޓުގެ ބޮޑު އާބާދީ އަށް ބޭނުންވާ ހިދުމަތް ފޯރުކޮށްދޭނެ ތަންތަން ހޯދަން އެޗްޑީސީން ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން އިއުލާންކޮށްފައިވަނީ ބޯކޮށާތަނާއި ފިހާރަ ފަދަ އާއްމު ހިދުމަތްތައް ދޭނެ ފަރާތްތަށް ހޯދުމަށެވެ.

އަދި އިތުރަށް ސުހައިލް ވިދާޅުވީ ހިޔާ ފްލެޓަށް މީހުން ވަންވަން ވާއިރަށް އެމްޓީސީސީ އިން ބަހުގެ ހިދުމަތް ދޭން ފަށާނެ ކަމަށެވެ.