ކ. މާފުށި ޖަލުގައި މަސައްކަތް ކުރައްވާ މުވައްޒަފުން ތަކަކާއި އޮފިސަރުންތަކެއް ކޮވިޑް-19އަށް ޕޮޒިޓިވްވުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ލިބިދާނެ ސިއްހީ ނުރައްކަލަކުން ސަލާމަތްކުރުމަށް އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ގޮވާލައިފި އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މާފުށި ޖަލުގައި މަސައްކަތްކުރާ މުވައްޒަފުންނާއި މޯލްޑިވްސް ކަރެކްޝަން ސާވިސް (އެމްސީއެސް)ގެ އޮފިސަރުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމުގެ އަޑުތަކެއް ފެތުރެމުންދާތީ އެކަމާ ކޯލިޝަނުން ކަންބޮނޑުވާ ކަމަށެވެ. އަދި އެކަމުގެ ތެދު މައުލޫމާތު ރައްޔިތުންނަށް ހާމަކުރުމަށް ގޮވާލާކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެެވެ.

އިތުރަށް ބަޔާނުގައި ބުނީ، ޖަލުން ފައްސިވި ކަރެކްޝަން ސާވިސްގެ އޮފިސަރުންގެ ތެރޭގައި ޔާމީންގެ ކަންކަން ބަލަހައްޓާ އޮފިސަރުން ހިމެނޭ ކަމަށެވެ. އަދި ޔާމީންގެ ސިއްހަތަށް ލިބުގެން ހިގައިދާނެ ގެއްލުމަކުން އެ މަނިކުފާނު ރައްކާތެރި ކުރުމަކީ ސަރުކާރުން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އިދިކޮޅު ކޯލިޝަނުން ދެކޭ ކަމަށް ބަޔާނުގައި ވެ އެވެ.

"ރައީސް އަބްދުﷲ ޔާމީންގެ ސިއްހަތަށް ލިބިގެން ހިނގައިދާނެ ގެއްލުމަކުން އެމަނިކުފާނު ރައްކާތެރި ކުރުމަކީ ސަރުކާރުން ކުރަން ޖެހޭނެ ކަމެއް ކަމުގައި މި ކޯލިޝަނުން ގަބޫލު ކުރަމެވެ. އަދި މިއީ ސިޔާސީ ނުފޫޒުން ކުރެވިފައިވާ ހައްގު ނޫން ހުކުމެއް ޖަލުގެ ތޭރިތަކުގައި އެމަނިކުފާނަށް އަނިޔާ ދެމުން ގެންދާ ދެ ވަނަ ރޯދަ މަސް. ވީމާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ސިއްހީ ގޮތުން ލިބިގެން ހިނގައިދާނެ ނުރައްކަލަކުން ސަލަމާތް ކުރުމަށް ނަމަވެސް އެމަނިކުފާނު މިއަދުން މިއަދަށް ގެއަށް ގެނެސް ދެއްވުމަށް ސަރުކާރަށް ގޮވާލަމެވެ،" އިދިކޮޅުން ނެރުނު ބަޔާނުގައި ވެ އެވެ.

މާފުށީ ޖަލާއި ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ކޮވިޑް ކޭސްތަކެއް ފެނި ދެ ޖަލު ވަނީ ލޮކްޑައުން ކޮށްފަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުއްގައި ވިދާޅުވެފައިވަނީ ޔާމީން ގެއަށް ބަދަލުކުރުމުގެ ގޮތުން މަޝްވަރާކުރަމުންދާ ކަމަށެވެ.