މާތްﷲގެ ވާގިފުޅާއެކު، މިއަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލުކުރައްވާނޭ އަހަރަކަށް ކަމުގައި ރައީސް މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މީލާދީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ޚިބުގައެވެ.
ދިވެހީންނަކީ، އެއް އަހަރަށްވުރެ ގިނަ ކުރިއެރުން އަނެއް އަހަރު ހާސިލުކުރެވޭތޯ މަސައްކަތްކުރާ، އަދި ތަމައްދުނާއި ތަރައްގީއަށްޓަކައި އަޅާ ކޮންމެ ބިންގަލެއްގެ މަތީ ކުރާ ބިނާތައް ފުރިހަމަކޮށް ވަރުގަދަކުރެވޭތޯ ކޮންމެ އަހަރަކުމެ ހިންމަތްކުރާ ބައެއްކަން، ތާރީޚުން ސާބިތުކޮށްދޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، ވަފާތެރި، ޤާބިލު ދިވެހި ދަރީންތަކެއް ބިނާކޮށް، ތަރައްގީވެފައިވާ ގައުމުތަކުގެ ސަފަށް ނިކުމެ ހިންދެމިލުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒަށް ދަތުރުކުރުމުގައި އިތުރު ކާމިޔާބުތަކެއް ހޯދުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އަންނަ އަހަރަކީ، ރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރޭ މުނާސަބާ ދިވެހީންނާ ބައްދަލުކުރާ އަހަރުކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، މިއީ، މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަތުހުރި އެއް ތާރީޚުގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
އަދި ކޮންމެ އާ އަހަރަކީވެސް، ފަރުދީގޮތުންނާއި އިޖުތިމާޢީ ގޮތުން ތިމާއަށް، ގައުމަށްޓަކައި ކޮށްދެވޭނީ ކޮން ޚިދުމަތްތަކެއްތޯ ވިސްނައި، އެންމެންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތްކުރުމަށް ޢަޒުމު އައުކުރުމުގެ ވަގުތުކަންވެސް އެމަނިކުފާނުގެ ޚިތާބުގައި ވަނީ ހަނދުމަފުޅުކޮށްދެއްވާފަ އެވެ.
ކުރުހެދުން ނުލެވޭގޮތަށް ސިވިލްސާވިސް ގަވާއިދު އިސްލާހު ކޮށްފި
އެފްއައިޔޫގެ އިސްވެރިޔާ ސާޖިދު ސަސްޕެންޑްކޮށްފި
ފުރޮޅުލީ ސީ ޕްލޭން: ބިއްލޫރި ޓަނަލް ފަދަ ވައުދެއް؟؟
