އިންސާނުންނާއި ދިރޭ ތަކެތީގެ ސޫރަ ސިފަވާ ގޮތަށް ފަރުމާކޮށް ބައްޓަންކޮށްފައި ހުންނަ ބިނާތަކާއި އެފަދަ އެހެންނިހެން ތަކެތި ބެހެއްޓުމަކީ ޝަރުއީ ގޮތުން ހަރާމް ކަމެއް ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ފަތުވާ ނެރެފައި ވަނިކޮށް، އާއަހަރު ފެށުމަށް ރޭ ބޭއްވި ޑްރޯން ޝޯގައި ރައީސް މުހައްމަދު މުއިއްޒުގެ ސޫރަ ދައްކާލައިފި އެވެ.

މިދިޔަ ޑިސެމްބަރު މަހު ފަތުވާ މަޖިލީހުން ނެރުނު ފަތުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، ޤިޔާމަތް ކައިރިވުމުން ބައެއް މީހުން އަނެއްކާވެސް ބުދުތަކަށް އަޅުކަންކުރަން ފަށާނެކަން ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުން ސާފުވެ އެވެ. އެހެންކަމުން، ޝިރުކު އުފެދުމަށް މަގުފަހިވާފަދަ އެއްވެސް ކަމެއް ކުރުން ދީނުގައި ހުއްދަވެގެންނުވާ ކަމަށް އެ ފަތުވާގައި ބަޔާންކޮށްފައި ވެ އެވެ.

ނަމަވެސް އާއަހަރަށް މަރުހަބާ ކިއުމުގެ ގޮތުން ރޭ ހުޅުމާލޭގައި ކުލަގަދަކޮށް ހަވާ އަރުވައި ޑްރޯން ޝޯ ބޭއްވި އިރު ވަނީ ރައީސް މުއިއްޒު ސިފަވާ ގޮތަށް ބޮޑު ސޫރައެއް އުޑުމަތިން ފެންނަ ގޮތަށް ދައްކާލާފަ އެވެ. އާއްމުކޮށް ތަންތަނުގެ ވެރިންގެ ސޫރަ މިގޮތަށް ދައްކަނީ ހުދުމުހުތާރު ވެރިކަން ކުރާ ގައުމުތަކުގައި ކަން ފާހަގަކޮށްލެވެ އެވެ. މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

މި ޑްރޯން ޝޯ ބެލުމަށް ގިނަ ބަޔަކު ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދަށް ޖަމާވި އެވެ.