ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި، ދައުރުން ބޭރުން މިހާރު ކުރިއަށްގެންދާ ޖަލްސާތަކަކީ ގާނޫނުއަސާސީއާ ހިލާފު ޖަލްސާތަކެއް ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން އެ ޖަލްސާތައް ބޮއިކޮޓް ކުރުމަށް ނިންމައިފި އެވެ.

އެމްޑީޕީން ބުނީ ސަރުކާރުން ބޭނުން ވެގެން މިހާރު ދައުރުން ބޭރުން ބާއްވަމުން އަންނަ މަޖިލިސް ޖަލްސާ ތައް ބާއްވަމުން ގެންދަނީ އެކަށީގެންވާ ނޯޓިސްއެއް ދިނުމަކާ ނުލައި، ގާނޫނުއަސާސީގެ 83 ވަނަ މާއްދާއާއި 88 ވަނަ މާއްދާގެ އިމުން ބޭރުން ކަމަށެވެ. އަދި މި ޖަލްސާތައް ބާއްވަނީ ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތަކެއް، އެއްވެސް މަޝްވަރާއެއް ނެތި އަވަސް އަރުވާލައިގެން ފާސްކުރުމަށް ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.

ދައުރުން ބޭރުން މަޖިލިސް ޖަލްސާތަކެއް އެޖެންޑާ ކޮށްފައި މި ވަނީ ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބުރާހީމް ފަލާހު ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމަށް ހުށަހެޅި އިސްލާހުތަކާ އެކު އެވެ.

އެ ޖަލްސާތަކުގެ އެންމެ މައިގަނޑު އެއް ބޭނުމަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަން ބަދަލު ފާސްކުރުމާއި، ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕްކުރުން މަގިފަހިކުރުން ހިމެނޭ ގޮތަށް އެ ގާނޫނަށް ގެންނަ ބަދަލުތައް ފާސްކުރުމެވެ. އޭގެ އިތުރުން ޖުވާ ކުޅުމުން ޖަލު ހުކުން އަންނަ ގޮތަށް ގާނޫނުލް އުގޫބާތު ބަދަލުކުރުން ވެސް ހިމެެނެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިވަގުތަކީ އެއްވެސް ކަހަލަ ދުސްތޫރީ ކާރިސާއެއް ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތެއް އޮތް ވަގުތެއް ނޫން ކަމަށާއި ރައްޔިތުންގެ މަންދޫބުންގެ ފުރިހަމަ ބައިވެރިވުމެއް ނެތި، ޑިމޮކްރެޓިކް އުސޫލުތަކާ ހިލާފަށް ކުރިއަށްގެންދާ މި ޖަލްސާތަކަކީ ރައްޔިތުންނަށް ލިބިދީފައިވާ ތަމްސީލުވުމުގެ ހައްގަށް އަރައިގަތުން ކަމަށެވެ.

ދައުރުން ބޭރުން ޖަލްސާތައް ބޭއްވުމަށް ހުށަހަޅައިފި ނަމަ 14 ދުވަސް ތެރޭގައި އެ ޖަލްސާއެއް ބާއްވަން ޖެހެ އެވެ. ނަމަވެސް މި ޖަލްސާތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފެއްޓެވީ އެކަށީގެންވާ ނޯޓިހެއް ދިނުމެއް ނެތި އެވެ.

އެހެންވެ، އިއްޔެގެ ޖަލްސާގައި ވެސް އެމްޑީޕީގެ ބައެއް މެންބަރުން މި ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ދައުރުން ބޭރުން ފެށި ޖަލްސާތައް ގާނޫނުއަސާސީއާ ހިލާފު ކަމަށް އިއްޔެގެ ޖަލްސާގައި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ފާހަގަ ކުރެއްވުމުން އަބްދުއްރަހީމް ވިދާޅުވީ މި ޖަލްސާތައް ބާއްވަނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށެވެ. އެކަމުގެ ހުއްޖަތެއްގެ ގޮތުގައި އަބްދުއްރަހީމް އަށް ވިދާޅުވީ ޖަލްސާތައް މި ބާއްވަނީ "14 ދުވަސް ތެރޭގައި" ކަމަށެވެ.

ނަމަވެސް މީގެ ކުރީގެ މަޖިލީސްތަކުގައި ދައުރުން ބޭރުން ޖަލްސާއެއް ބާއްވަނީ ވަރަށް ބޮޑެތި ކަންކަމުގައި، ދުރާލާ ނޯޓިސް ދިނުމަށް ފަހު އެވެ. ނަމަވެސް މިހާރު އެކަންވެސް ކުރަމުން އަންނަނީ ސަރުކާރުން ބޭނުންވެއްޖެ ނަމަ އެވެ.