ބޮލީވުޑްގެ ޒުވާން ދެ ލޯބިވެރިން ކަމަށްވާ ވެދާންގް ރެއިނާއާއި ހުޝީ ކަޕޫރު އެމީހުންގެ ލޯބީގެ ގުޅުން ނިންމާލާފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ވެދާންގްއާއި ހުޝީ ވަކިވެފައި މިވަނީ ރައްޓެހިވެގެން ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހު އެކުގައި އުޅުމަށްފަހު އެވެ.

މި ދެތަރިން ވަކިވި ސީދާ ސަބަބެއް މީޑިއާއަށް ނޭނގުނު ނަމަވެސް ބޮލީވުޑްގެ އެކި ނޫސްތަކުން ވަނީ އެ ދެމީހުން ވަކިވިކަން ކަށަވަރު ކޮށްދީފަ އެވެ.

ވެދާންގްއާއުި ހުޝީ ލޯބީގެ ގޮތުން ގުޅިފައިވަނީ އެ ދެމީހުން ވެސް ބޮލީވުޑަށް ތައާރަފްވި ނެޓްފްލިކްސްގެ ސީރީޒް "ދަ އާޗީސް"ގެ ޝޫޓިން ކުރިއަށް ދިޔަ ދުވަސްވަރު އެވެ.

އޭގެ ފަހުން އެކި ފަހަރު މަތިން އެ ދެމީހުން އެކުގައި ފެނިފައިވާއިރު އެ ދެމީހުންގެ ޖޯޑަށް އާއްމުންގެ ބޮޑު މަގުބޫލު ކަމެއް ވެސް ލިބުނެވެ.

ވެދާންގްއާއި ހުޝީގެ އިތުރުން ވެސް ބޮލީވުޑްގެ އެހެން ޖޯޑެއް ކަމަށްވާ ތާރާ ސުތާރިއާއާއި ވީރް ޕަހާރިޔާ ވެސް ވަނީ މިދިޔަ ހަފްތާ ތެރޭގައި އެމީހުންގެ ގުޅުން ނިންމާލާފަ އެވެ.