މީގެ އަހަރުތަކެއް ކުރިން ރޫޅުނު އޭނާގެ ކައިވެންޏާ ބެހޭގޮތުން ހޮލީވުޑްގެ މަޝްހޫރު ތަރި ޖެނިފާ ގާނާ ފުރަތަމަ ފަހަރަށް ފާޅުގައި ވާހަކަ ދައްކައިފި އެވެ.

ފެޝަން ވެބްސައިޓެއް ކަމަށްވާ މެރީ ކްލެއާއަށް ދިން އިންޓަވިއުއެއްގައި ޖެނިފާ ވަނީ އޭނާއާއި ބެން އެފްލެކްގެ ކައިވެނި ރޫޅުމުން ކުރެވުނު ތަޖުރިބާ ކިޔައިދީފަ އެވެ.

ޖެނިފާ ބުނީ އެކަމުގެ ތެރެއިން އެންމެ އުނދަގޫވި ކަމަކީ ހަގީގީ އެކުވެރިކަމާއި ބައިވެރިކަން ގެއްލުން ކަމަށާއި ކައިވެންޏެއް ރޫޅޭއިރު އެންމެ އަސަރުކުރާ ކަމަކީ އެއީ ކަމަށެވެ.

އޭގެ އިތުރުން ވެސް އެމީހުންގެ ވަރިއާއެކު އެ ދެމީހުންގެ ދަރިންނަށް ވެސް ފުން އަސަރުތަކެއް ކުރުވި ކަމަށް ޖެނިފާ ވަނީ އެއްބަސްވެފަ އެވެ.

އެގޮތުން އެމީހުންގެ ދަރިންގެ ކަންކަން ބެލެހެއްޓުމުގައި ބެންއާއި އޭނާއާ ދެމެދު އެއްބާރުލުމާއި އެހީތެރިކަމުގެ ގުޅުން އޮންނަ ކަމަށް ޖެނިފާ ފާހަގަކުރި އެވެ.

2005 ވަނަ އަހަރު ކައިވެނިކުރި ޖެނިފާއާއި ބެންގެ ކައިވެނި ރޫޅުނީ 2018 ވަނަ އަހަރު އެވެ. އެ ކައިވެންޏަށް ތިން ކުދިން ލިބިފައިވެ އެވެ.