މި އަހަރު އުތުރު އެމެރިކާ ބައްރުގެ ތިން ގައުމެއްގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތުގެ ކަވަރެޖް އިތުރަށް ފުޅާކޮށް ފޯރިގަދަކުރަން މުބާރާތް އިންތިޒާމް ކުރާ ފީފާ އާއި ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކް އާއެކު ވޯލްޑް ކަޕްގެ "ޕްރިފާޑް ޕްލެޓްފޯމް" އުފައްދަން އެއްބަސްވެއްޖެ އެވެ.
މިއީ ފީފާގެ ތާރީޚުގައި ވެސް މިފަދަ ފުރުސަތެއް ސޯޝަލް މީޑިއާ ކުންފުންޏަކަށް ދިން ފުރަތަމަ ފަހަރެވެ. މީގެ ސަބަބުން ސަޕޯޓަރުންނަށް މުބާރާތުގެ ފޯރި ޑިޖިޓަލްކޮށް ތަޖުރިބާކުރުމަށް އާދަޔާ ޚިލާފު އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ފީފާ އިން ބުނެ އެވެ.
މި އެއްބަސްވުމުގެ ދަށުން، އާންމުކޮށް މެޗުތައް ދައްކާ ޓީވީ ޗެނަލްތަކާ އެކު، ޓިކްޓޮކް ވެގެންދާނީ މުބާރާތުގެ ރަސްމީ ވީޑިއޯ ކޮންޓެންޓް ޕާޓްނަރަށެވެ.
މި އެއްބަސްވުމުގެ އަގެއް ފީފާއިން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ ޖަމާއަތުން ބުނީ މިއީ ސޯޝަލް މީޑިއާތަކުން ހުށަހެޅި އަގުތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމާއެކު ވެފައިވާ އެއްބަސްވުމެއް ކަމަށެވެ.
މިއާއެކު، ވޯލްޑް ކަޕަށް ޚާއްސަ "ހަބް" އެއް ޓިކްޓޮކް އެޕްލިކޭޝަންގެ ތެރޭގައި ހިމެނިގެންދާނެ ކަމަށް ޓިކްޓޮކް އިން ބުނެ އެވެ. މީގެ ތެރޭގައި މެޗުތަކުގައި ފެނިގެންދާ ހާއްސަ ފޫޓޭޖްތަކާއި، މެޗުތަކުގެ މަޢުލޫމާތާއި، ޓިކެޓާ ގުޅޭ ތަފުސީލުތައް ހިމެނޭނެ އެވެ. އަދި ސަޕޯޓަރުންނަށް ބައިވެރިވެވޭ ގޮތަށް ތަފާތު ފިލްޓަރުތަކާއި، ސްޓިކާތަކާއި، ކުޅިވަރުގެ އެކި ހަރަކާތްތައް ވެސް މި ހަބުގައި ހިމެނޭނެ ކަމަށް ޓިކްޓޮކް އިން ބުނެ އެވެ.
ހަމައެހެންމެ މީޑިއާ ޕާޓްނަރުންނަށް މެޗުތަކުގެ ބައެއް މަންޒަރުތަކާއި، ހައިލައިޓްސް އަދި ދަނޑު ބޭރުގެ ޚާއްސަ މަންޒަރުތައް ސީދާ ޓިކްޓޮކް މެދުވެރިކޮށް ހިއްސާކުރެވޭނެ ކަމަށް ޓިކްޓޮކް އިން ބުނެ އެވެ. ވޯލްޑްކަޕް މެޗްތައް ޓިކްޓޮކުން ލައިވް ނުކުރި ނަމަވެސް، މުހިންމު ވަގުތުތަކާއި ކުރު ކްލިޕްތައް ޓިކްޓޮކް މެދުވެރިކޮށް ފެނިގެންދާނެ ކަމަށް ފީފާއިން ބުނެ އެވެ.
މި އެއްބަސްވުމާއެކު ކޮންޓެންޓް ކްރިއޭޓަރުންނަށް ވެސް ހާއްސަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ފީފާ އަދި ޓިކްޓޮކުން ވަނީ ބުނެފަ އެވެ. އެގޮތުން ޓިކްޓޮކްގެ ބައިނަލްއަގުވާމީ ކްރިއޭޓަރު ޕްރޮގްރާމްގެ ދަށުން ހޮވާލެވޭ ފަރާތްތަކަށް، ނޫސްވެރިންގެ ބައްދަލުވުންތަކާއި، ފަރިތަކުރުންތަކުގެ އިތުރުން ފީފާގެ އާކައިވް ފޫޓޭޖްތަކާއި ބެކްސްޓޭޖް ހަރަކާތްތައް ބަލާލުމުގެ ޚާއްސަ ފުރުސަތު ލިބޭނެ އެވެ. މީގެ ސަބަބުން ސަޕޯޓަރުންނަށް މީގެ ކުރިން ނުފެންނަ ގިނަ މަންޒަރުތަކެއް ފެނިގެންދާނެ ކަމަށް ފީފާއިން ބުނެ އެވެ.
ފީފާއިން ބުނީ އެ ޖަމިއްޔާގެ އަމާޒަކީ ޓިކްޓޮކަކީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްސަކޮށް ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޕްލެޓްފޯމަކަށް ވުމުން އެކަމުގެ ބޭނުން ހިފައި، ފުޓްބޯޅައަށް އޮތް ޝައުގުވެރިކަން އިތުރުކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުބާރާތް ބަލާ މީހުންގެ އަދަދު އިތުރުކުރުމެވެ.
"ފީފާގެ އަމާޒަކީ ފީފާ ވޯލްޑް ކަޕް 2026ގެ ފޯރި ވީހާ ވެސް ގިނަ ސަޕޯޓަރުންނާ ހިއްސާކުރުން. ކުޅިވަރުގެ ތާރީޚުގައި ބޭއްވޭ އެންމެ ބޮޑު މި ހަރަކާތުގައި އެ މަގްސަދު ހާސިލުކުރުމަށް ޓިކްޓޮކް 'ޕްރިފާޑް ޕްލެޓްފޯމް' އެއްގެ ގޮތުގައި އޮތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑުމެން ދެކެން،" ފީފާގެ ސެކްރެޓަރީ ޖެނެރަލް މަޓިއަސް ގްރާފްސްޓްރޯމް ވިދާޅުވި އެވެ. "މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނާއި ފީފާ ވޯލްޑް ކަޕާ މީގެ ކުރިން ދުވަހަކު ވެސް ގުޅުވައި ނުދޭ ފަދަ އައު އަދި އުފެއްދުންތެރި ގޮތަކަށް ގުޅުވައިދޭނެ ކަމެއް. ފުޓްބޯޅަ ކުރިއަރައި ތަރައްގީވަމުންދާއިރު، އެކަން އިޝްތިހާރުކޮށް މީހުންނާ ހަމައަށް ފޯރުކޮށްދޭ ގޮތް ވެސް ބަދަލުވާން ޖެހޭ."
މިއަހަރުގެ ވޯލްޑް ކަޕު ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖޫން 11 އިން ޖުލައި 19 އަށް އެމެރިކާ، މެކްސިކޯ އަދި ކެނެޑާގެ 16 ސިޓީއެއްގަ އެވެ. މިފަހަރުގެ މުބާރާތުގައި 48 ޓީމު ވާދަކުރާނެ އެވެ.
އަކްޝޭ ކެނެޑާގެ ރައްޔިތުކަން ހޯދީ ކީއްވެ؟
މީހުން ދިރިއުޅޭ އެންމެ ނުރައްކާތެރި ތަންތަނަށް އަވަސް ނަޒަރެއް!
އެމެރިކާއިން ވެނެޒުއެލާގެ އިތުރު ތެޔޮ ޓޭންކަރެއް ހިފަހައްޓައިފި