އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވެގެން ރާއްޖެ ގެންނަ ނިންމި އުމުރާވެރިޔާ މާލެ ގެނެސްފި އެވެ.

އެ މީހާ މާލެ ގެނައީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި މިދިޔަ ހޮނިހިރު ދުވަހެވެ. އެ މީހާގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށްޓަކައި މާލެއިން ޑޮކްޓަރަކާއި ނަރުހެއް ވެސް އެ ފްލައިޓުގައި ފޮނުވައިގެން މާލެ ގެނެސްފައިވާ ކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފަ އެވެ.

މި މަހުގެ ހަވަނަ ދުވަހު އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ވަނީ އުމުރާވެރިޔަކު ހާލު ދެރަވެގެން މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

ޝަހީމް ވިދާޅުވީ މި ޗުއްޓީގައި 7،000 އަށްވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަމަށް ގޮސްފައިވާ ކަމަށެވެ. އަދި އެ އެންމެންގެ ހާލު ވެސް ޖުމްލަކޮށް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އެޑްމިޓްކޮށްފައިވާ ބަލި މީހެއް ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާއިން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލުގެ ބޮޑު ޗުއްޓީ ދުވަސްވަރާ ދިމާކޮށް މިދިޔަ މަހާއި މި މަހުގެ ތެރޭގައި 7،726 މީހުން އުމްރާގެ އަޅުކަމަށް ދިޔަ އެވެ.