ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗުގެ ބައިވެރިން ތަމްރީނުތަކަށް މާފިލާފުއްޓަށް ދިއުމަށް މިއަދު ފުރައިފި އެވެ.

ގައުމީ ދިފާއީ ވުޒާރާއިން މިއަދު ބުނީ، ނެޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބެޗުގައި 112 ރަށަކުން 258 ފިރިހެން އަދި 64 އަންހެން ދަރިވަރުން ހިމެނޭހެން ޖުމްލަ 350 ދަރިވަރުން ބައިވެރިވާކަމަށެވެ.

މި ތަމްރީނުތަކުގައި ދަރިވަރުން ތިން މަސްދުވަސް ހޭދަކުރާއިރު، މި ތަމްރީނުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރު ހުންނަ ޅ. އަތޮޅު މާފިލާފުށީގަ އެވެ.

މި ޓްރެއިނިން ގައި ހިމެނޭ ބައިތަކުގެ ތެރޭގައި ދިވެހި ގައުމިއްޔަތާއި ޒިންމާދާރު ރައްޔިތުކަމާއި، ދީނީތަރުބިއްޔަތާއި، ލީޑާޝިޕާއި، ފަސްޓްއެއިޑް، ފަޔަރފައިޓިން، ލޭންގުއޭޖް ޕްރޮފިޝެންސީ، ހަށިހެޔޮކަމާއި ފެތުމާއި މޫދަށް އަހުލުވެރިވުން ހިމެނެއެވެ. މީގެ އިޔުރުން ހެވިކަމާއި ކަސްރަތާއި ކުޅިވަރު އަދި ކޭމްޕިން އާއި ފީލްޑް އެކްޓިވިޓީތައްވެސް ހިމެނެ އެވެ.

ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިން ފޔރިހަމަ ކުރުމުން ހާސިލްކުރެވޭނެ ސަނަދުތަކުގެ ތެރޭގައި ސެޓްފިކެޓް 3 އިން ސިވިކް އެޑިއުކެޗަން އެންޑް ލީޑަރޝިޕް، ކޮމިޔުނިޓީ ވޮލަންޓިއަ ފަޔާ ފައިޓާ، ބޭސިކް ފަސްޓް އެއިދް ސެތްފިކެޓް އަދި ޕިއަރ އެޑިޔުކޭޝަން ޓްރެއިނިން ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ހިމެނެއެވެ.

ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރޭނިންގެ ފުރަތަމަ ބެޗު ނިމިފައިވާއިރު، މި ކޯހުގައި ރާއްޖޭގެ 108 ރަށަކަށް ނިސްބަތްވާ 350 ދަރިވަރުން ބައިވެރިވި އެވެ. 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުން ބައިވެރިވި އެ ކޯހުގައި ދަސްވެނިވި ދަރިވަރުންގެ އެވްރެޖް އުމުރަކީ 18 އަހަރެވެ.

13 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ އެ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް، 344 ދަރިވަރުން ވަނީ ދަސްވެނިވުނުއިރު، މީގެ ތެރެއިން 96 އިންސައްތަ ދަރިވަރުން ވަނީ ތަމްރީނުގައި ކަނޑައަޅާފައިވާ މިންގަނޑުތައް ހާސިލުކޮށް، ސެޓިފިކެޓް 3 އިން ސިވިކް އެޑިޔުކޭޝަން އެންޑް ލީޑާޝިޕް އެވޯޑް ހާސިލުކޮށްފަ އެވެ.