މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓު، އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ ކައުންސިލް އިންތިޚާބާއެކު ބޭއްވުމުގެ ބަދަލުގައި ފަސްކުރުމަށް، ވެރިކަންކުރާ ޕީއެންސީ ފިޔަވައި ސިޔާސީ ބައެއް ޕާޓީތަކުން އެދިއްޖެ އެވެ.
ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ރޭ ވަނީ، ލޯކަލް ކައުންސިލް އިންތިޚާބާއެކު، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮލުމަށް އާންމުންގެ ފެންނަ ނުފެންނަ ވޯޓު ނަގާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވެފަ އެވެ.
ހޯމަ ދުވަހުގެ މަޖިލީހުގައި ވަނީ، މައި ދެ އިންތިޚާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމަށް ބަންޑާރަނައިބުގެ އޮފީހާއި އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތައް ހާޒިރުކޮށްފައިވެ އެވެ.
ވެރިކަންކުރާ ޕީއެންސީއާއި މައި އިދިކޮޅު އެމްޑީޕީވެސް ބައިވެރިވި މި ބައްދަލުވުމުގައި، އެމްޑީޕީއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފުން ވަނީ، މައި ދެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހަށް ތާއީދުނުކުރާކަން ހާމަކޮށްފަ އެވެ.
އެގޮތުން އެމްޑީޕީގެ ފަރާތުން މި ބައްދަލުވުމުގައި ވާހަކަދެއްކެވި އެ ޕާޓީގެ ނައިބު ރައީސް ހިސާން ޙުސައިން ވިދާޅުވީ، ކައުންސިލް އިންތިޚާބުގެ ތެރެއަށް މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ޚިޔާލު ހޯދުމުގެ ވޯޓު ލުމުގެ މައިގަނޑު ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެއާއެކު، އަވަސް އަރުވާލައިގެން ގާނޫނުއަސާސީ އިސްލާހުކުރުމަކީ އެއްގޮތަކަށްވެސް ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް، ހިސާން ވިދާޅުވި އެވެ.
ޙިސާން ވިދާޅުވީ، މި އިސްލާހާ ގުޅޭ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ދޭން ޖެހޭ ކަމަށެވެ.
ޕީއެންއެފްގެ ފަރާތުން، ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ޢަލީ ޝާހާއި އާދަމް އާސިފް ވިދާޅުވީ، މައި ދެ އިންތިޚާބު އެއްކޮށްލުމަށް ހުށަހެޅި އިސްލާހުގެ ސަބަބުން ގައުމުގެ މިސްރާބު ހުރީ ހުދުމުޚުތާރު ވެރިކަމަކާ ދިމާލަށް ކަން އެނގޭ ކަމަށެވެ. އެ ޕާޓީން ވަނީ، އެ އިސްލާޙު އަނބުރާ ގެންދިއުމަށް ގޮވާލައިފަ އެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ އަމީންއާންމު ހުސައިން ޒިނާޙް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލާ އިސްލާހަށް އެ ޕާޓީން ތާއީދުކުރާ ކަމަށެވެ.
އަދާލަތު ޕާޓީގެ ވާހަކައަށް ތާއީދުކުރައްވައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރަޖިސްޓްރާ މުހައްމަދު އުމަރު ވިދާޅުވީ، ރައްޔިތުން ހޭލުންތެރިކޮށް ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ވަގުތު ބޭނުންވާ ކަމަށެވެ. އަދި ކައުންސިލް އިންތިޚާބާއެކު، ޚިޔާލު ހޯދުމުގެ ވޯޓު ނަގަން ބަލާއިރު، އެކަމަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނާއި ބަންޑާރަނައިބުގެ އޮފީހާއެކު ބޭއްވި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ އަންނަ ލޯކަލް ކައުންސިލު އިންތިޚާބާއި މައި ދެ އިންތިޚާބު އެއްކޮށްލުމާ މެދު އާންމުންގެ ޚިޔާލު ހޯދާ ވޯޓު އެއްކޮށްލައިގެން ބޭއްވޭނީ، މިމަހުގެ 18ވަނަ ދުވަހުގެ ކުރިން ހުރިހާ މަރުހަލާއެއް ނިމުމުން ކަމަށެވެ.
މައި ދެ އިންތިޚާބު އެއްކޮށްލާ ވޯޓާއި ލޯކަލް ކައުންސިލު އިންތިޚާބު އެއްދުވަހެއްގައި ކުރިއަށްގެންދާގޮތަށް ގާނޫނު ފާސްކޮށްފިނަމަ، އިތުރު 20 މިލިއަން ރުފިޔާ ހަރަދުވާނެކަމަށާއި، ވަކިން ބާއްވާނަމަ އެ ވޯޓަށް 80 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑައިރެކްޓަރު ރޯހިތުގެ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
އޭޕްރީލް 4ގަ ދެ އިންތިހާބު އެއްކޮށްލާ ވޯޓު ނަގާނެ ކަމަށް ބެލެވޭ
ޗިސްމޭގެ ކެންސަރަށް ކާމިޔާބު ފަރުވާއެއް ހޯދައިފި