ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސްގެ އިސްތިގްލާލީ ބާރު ހޯދަން މޮރިޝަސް އިން ބައިނަލްއަގްވާމީ ކޯޓުތަކުގައި ކުރި މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ މަސްލަހަތުގެ ދިފާއުގައި މަސައްކަތް ކުރި ކުރީގެ ސަރުކާރުގެ ވެރިންގެ މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފައްދަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައިދެއްވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އިޓްލޮސް މައްސަލައިގައި ކުރީގެ ސަރުކާރުން ނެގި ސްޓޭންޑުތަކުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

އެހެންކަމުން އެ ސްޓޭންޑުތައް ނެގި ސަބަބު އޮޅުން ފިލުވުމަށާއި މައްސަލައަކާ ގުޅިގެން އަޅަންޖެހޭނެ ފިޔަވަޅު އެޅުމަށް އިންކުއަރީ ކޮމިޝަނެއް ހަދަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ނިމިދިޔަ ސަރުކާރުން ނިންމާފައިވާ ބައެއް ނިންމުންތަކުގެ ސަބަބުން ދިވެހި ދައުލަތަށް އިއާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައްސަލައިގައި އައްޔަން ކުރެވުނު ބައިނަލްއަގްވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ އެ ނިންމުންތައް ނިންމެވި ފަރާތްތަކާ ސުވާލުކޮށް އެ ނިންމުންތައް ނިންމާފައިވާ ސަބަބުތައް ދެނެގަތުމަށާއި އެކަންކަމާ ގުޅޭ ގޮތުން ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ނަމަ އެކަން ކުރުމަށާއި އަދި އެފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން އެކަށައެޅުމަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ކޮމިޝަން އޮފް އިންކުއަރީއެއް އުފެއްދުމަށް އަޅުގަނޑު ނިންމި ކަން ވެސް ތިޔަ ބޭފުޅުންނަށް އިއުލާނު ކުރަން،"