ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ކޮއްކޮ އަބްދުލްކަރީމް އަބްދުﷲ, ލ. ފޮނަދޫގެ ކައުންސިލް ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރަން ފޯމު ހުށަހަޅާފައިވަނިކޮށް އޭނާގެ ދެ ދަރިން ސަރުކާރުގެ ވަޒީފާތަކުން ވަކިކޮށްފި އެވެ.

ރައީސް މުހައްމަދު މުއިއްޒު ވަނީ ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އޭނާގެ ދަރިފުޅު ފާތިމަތު ދުންޔާ އަބްދުލްކަރީމް މިދިޔަ ބުދަ ދުވަހު މަގާމުން ވަކިކުރައްވާފަ އެވެ.

މީގެއިތުރުން ފޮނަދޫ ވެމްކޯގެ ކޭޝިއަރެއްގެ މަގާމުގައި ހުރި އޭނާގެ ދަރިފުޅު އާލިމް އަބްދުލްކަރީމް ވެސް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އެނގިފައިވާގޮތުގައި އާލިމް ވަޒީފާއިން ވަކިކުރީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލުގެ އެންގެވުމަށެވެ.

ކަރީމް ވިދާޅުވީ އޭނާގެ ދެ ދަރިން ވަޒީފާއިން ވަކިކުރީ އިންތިހާބުގައި ވާދަކުރުމުން ރައީސް މުއިއްޒު އެކަމާ ނުރުހުންވާތީ ކަމަށެވެ. ނަމަވެސް އިންތިހާބުތަކުގައި ވާދަކުރުމަކީ ގާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދީފައިވާ ހައްގެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ފޮނަދޫ ކައުންސިލްގެ ރައީސް ކަމަށް ޕީއެންސީ ޓިކެޓްގައި ވާދަކުރައްވަނީ މިހާރު ވެސް އެ ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި އަހްމަދު ރިޔާޒެވެ. ރިޔާޒަކީ އަބްދުއްރަހީމްގެ އަނބިކަނބަލުން ދިޔާނާ ހުސައިންގެ ކޮއްކޮ، ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ޒުހުރުބާންގެ ފިރިކަލުންނެވެ.