އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބެއް ކަމަށްވާ ނޮޓިންހަމް ފޮރެސްޓްގެ ކުރީގެ ވެރިޔާ އަދި މިލިއަނަރު ފަވާޒް އަލް ހަސާވީގެ ލަންޑަންގައި ހުންނަ އޭނާގެ ގޭގެ ތެރޭގައި މޫނު ނިވާކޮށްގެން ތިބި ވަގުންތަކަކާ ކުރިމަތިލުމުގެ ތެރޭގައި އޭނާއަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ ލަންޑަންގެ މޭފެއާ ސަރަހައްދުގައި ހުންނަ 10 މިލިއަން ޕައުންޑްގެ އަގުބޮޑު ގޭގަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ކުވެއިތުގެ ވިޔަފާވެރިޔާ އަލް-ހަސާވީ ނިދާފައި އޮއްވާ ވަގުން އޭނާގެ ކޮޓަރިއަށް ވަދެގަނެ ހަމަލާދީފައިވަނީ މި މަހުގެ ކުރީކޮޅުގަ އެވެ. މި ހަމަލާގައި އޭނާގެ އަތަށް ވަޅިން ޒަހަމްތަކެއް ލިބިފައިވާއިރު، ކަރުގެ ބައެއް ތަންތަނާއި މޫނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ. ހަސާވީ ވަގުންނާ ކުރިމަތިލައި ދިން ރައްދު ހަމަލާތަކުގެ ސަބަބުން، ވަގުން ވަނީ އެމީހުން ގެންގުޅުނު ހަތިޔާރުތައް ދޫކޮށްލުމަށްފަހު ފިލާފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި 57 އަހަރުގެ ހަސާވީގެ ދެ އަތުގައި ވަނީ ބެންޑޭޖް އަޅާފަ އެވެ. މެޓް ޕޮލިހުން ބުނެފައިވަނީ އޭނާއަށް ލިބުނު އަނިޔާތަކަކީ ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާތަކެއް ނޫން ކަމަށެވެ. ހަސާވީގެ ވަކީލުން ވަނީ މި ހަމަލާއާ ގުޅޭ އިތުރު ތަފްސީލު ހާމަކުރުމަށް ފުލުހުންގެ ކިބައިން އެދިފަ އެވެ. ސަބަބަކީ އަރަބި ގަލްފް ގައުމުތަކުން ލަންޑަނަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި މިފަދަ ހާދިސާތަކުގެ ބިރުވެރިކަން އުފެދިފައިވާތީ އެވެ.

ހަސާވީއަކީ އަގުބޮޑު ގަޑި އެއްކުރާ މީހެއްގެ ގޮތުގައި މަޝްހޫރު ފަރާތެކެވެ. އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި 90،000 އަށްވުރެ ގިނަ ފޮލޯވަރުން ތިބިއިރު، އޭނާ އާންމުކޮށް ސޯޝަލް މީޑިއާގައި އަގުބޮޑު ގަޑިތައް ދައްކާލަ އެވެ. އޭނާގެ ވަކީލު ޚައުލާ މުބާރަކް އަލް ހަސާވީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފަވާޒްގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.

2012 އިން 2017 އަށް ނޮޓިންހަމް ފޮރެސްޓްގެ ވެރިޔާގެ ގޮތުގައި ހުރި ހަސާވީ ވަނީ ފަސް އަހަރު ތެރޭގައި ނުވަ މެނޭޖަރުން ބަދަލުކޮށްފަ އެވެ. ފަހުން އޭނާ ވަނީ ކްލަބް ވިއްކާލުމަށްފަހު، ކުރެވުނު ތަޖުރިބާތަކުން ފިލާވަޅު ލިބިގަނެފައިވާ ކަމަށާއި، ކުރިމަގުގައި ކްލަބެއް ގަނެފިނަމަ ހިންގުމުގެ ކަންކަން ޕްރޮފެޝަނަލް ޓީމަކާ ހަވާލުކުރާނެ ކަމަށް ބުނެފަ އެވެ.