ކުޑަކުދިންނަށް އަނިޔާކޮށްގެން މިދިޔަ މަހު 84 މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީއިން ބުނެފި އެވެ.
މިއަދު އާންމުކުރި އެ މިނިސްޓްރީގެ ތަފާސްހިސާބު ދައްކާގޮތުން ކުޑަކުދިންނާ ގުޅޭ ޖުމްލަ 215 މައްސަލައެއް މިދިޔަ މާޗް މަހު އެ މިނިސްޓްރީއަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކުގެ ތެރެއިން އެކުދިންނަށް އިހުމާލުވެފައިވާ 27 މައްސަލައަކާއި ޖިންސީ ގޯނާކުރި 18 މައްސަލައެއް ހިމެނެ އެވެ.
ކުދިންގެ އަހުލާގާ ގުޅޭ 14 މައްސަލައަކާއި އެކުދިން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 47 މައްސަލައެއް ވަނީ ޖެންޑާއަށް ރިޕޯޓުކޮށްފަ އެވެ.
އަދި ހައްގުތަކުން މަހުރޫމްވި މައްސަލަތަކާއި، ކުށްކުރާ ކުދިންގެ މައްސަލަތައް އަދި އާއިލީ މައްސަލަތައް ވެސް ވަނީ ހުށަހަޅާފަ އެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި ގުޅޭ 15 މައްސަލަ އެއް ވެސް މިދިޔަ ރިޕޯޓު ކުރި އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ނޫނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން މިދިޔަ މަހު ތިން ކުއްޖަކަށް 18 އަހަރު ފުރުމާއި ގުޅިގެން ވަޒީފާގެ ފުރުސަތާއި އެކު އެކުދިން އާއިލާ އާއި ހަވާލުކޮށްފައިވެ އެވެ.
މިދިޔަ މަހު އެއް ކުއްޖަކު ވަނީ ދައުލަތަށް ނަގާފަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން މިދިޔަ މަހު 21 މައްސަލައެއް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.