ސަރުކާރުން މާލޭގެ ދެ ސަރަހައްދެއްގައި އިމާރަތްކުރުމަށް ނިންމާފައިވާ 14 ބުރީގެ ފްލެޓް އަޅަން މިހާރު ކަނޑައަޅާފައިވާ ސަރަހައްދުތަކާ ގުޅޭ ގޮތުން އާންމުންގެ ޚިޔާލު ހޯދާފައި ނެތުމުން މާލޭގެ އިންތިހާބީ މޭޔަރު، ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އިންތިހާބީ މޭޔަރު ޑރ. މުއިއްޒު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސަލަފިއްޔާ އަންވަރަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ މާލޭގެ ދެ ސަރަހައްދެއްގައި ގެދޮރު ބިނާކުރުމަށް ނިންމާފައިވާ އެ މަޝްރޫއަކީ މާލޭގެ ރައްޔިތުންނާ ސީދާ ގުޅިފައިވާ ހައްސާސް މައްސަލައެއް ކަމަށެވެ. އަދި މާލޭގައި ގެދޮރު ބިނާ ކުރާނެ ސަރަހައްދުތައް ކަނޑައަޅަނީ މާލޭގެ ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމާއި މާލޭގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަކީ މާލެ ސިޓީ ކައުންސިލްގެ މައްޗަށް އޮތް ގާނޫނީ ޒިންމާއެއް ކަމުން އެ ފުރުސަތު ސިޓީ ކައުންސިލަށް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިޓީގައި ޑރ. މުއިއްޒު އެދިވަޑައިގަތީ މާލެ ސިޓީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަރުހަލާއެއް ސިޓީ ކައުންސިލާ ވެސް ގުޅިގެން ކުރިއަށް ގެންދިއުމަށް ފަހު މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ. އަދި އެ މަރުހަލާ ކުރިއަށް ގެންދެވެން ދެން މަޝްރޫއު މަޑުޖައްސާލުމަށް އޭނާ އެދިވަޑައިގެންފަ އެވެ.

މާލޭގައި ފުލެޓްތައް އަޅާ ސަރަހައްދު ވަކިކުރުމަށް ނަން ދީފައި ވަނީ ޕްރޮޖެކްޓް އޭ އަދި ބީގެ ގޮތުގަ އެވެ. އެގޮތުން ޕްރޮޖެކްޓް އޭގެ ގޮތުގައި ކަނޑައަޅާފައިވަނީ މާލޭގެ ބްލޮކް ނަމްބަރު 307 އެކެވެ. މި ސަރަހައްދުގެ ބިމުގެ ބޮޑުމިނަކީ 231،073.78 އަކަފޫޓެވެ. ޕްރޮޖެކްޓް ބީގެ ގޮތުގައި ކަނޑައަޅާފައިވަނީ މާލޭ ބްލޮކް ނަމްބަރު 319 އެވެ. މި ސަރަހައްދުގެ ބިމުގެ ބޮޑުމިނަކީ 173،229.56 އަކަފޫޓެވެ. މި ދެ ބިމަކީ އަމީނީމަގުގައި އެމްއެންއެސްއެލް ޕްލާޒާގެ ގޮތުގައި ފްލެޓް އިމާރާތްކޮށްފައިވާ ދެ ބިމެކެވެ.

ފްލެޓް އެޅުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތަކަށް ދެ މަޝްރޫއަށް ވެސް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު އޮންނާނެ އެވެ. ދެ މަޝްރޫއުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި ދިވެހި ކުންފުނިތަކުން 500،000 ރުފިޔާ އަދި ބޭރުގެ ކުންފުނިތަކުން 100،000 ޑޮލަރު ދައްކަން ޖެހެއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފަހު ވަގުތަކީ އަންނަ ޖޫން މަހުގެ 16 ވަނަ ދުވަހެވެ.