މި ފެށުުނު ރަމަޟާން މަހާ ދިމާކޮށް، ވިޔަފާރިވެރިންނަށް ބާޒާރުގައި ކާބޯތަކެތި ފަސޭހައިން ލިބޭނެ ގޮތް ހޯދައިދޭން، ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
މަރުކަޒީ ބޭންކުން ބުނީ އިއްޔެ އިން ފެށިގެން ތިން ހަފުތާގެ މުއްދަތަށް އަމަލުކުރާ މި ޚާއްސަ އުސޫލުގެ ދަށުން، މަރުކަޒީ ބޭންކުން ބޭންކުތަކަށް އާއްމު އުސޫލުގެ ދަށުން ވިއްކާ މިންވަރަށް ވުރެ 32 އިންސައްތަ އިތުރުކުރާނެ ކަމަށެވެ. މިއީ ރަމަޟާން މަހުގެ ތެރޭގައި އަސާސީ ކާބޯތަކެތި އެތެރެކުރުމަށް ބޭންކުތަކުން ބޭރު ފައިސާ ހޯދުމަށް ކުރާ ޑިމާންޑް ބޮޑުވާތީ، އެކަމަށް ލުޔެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެއް ކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ.
އެމްއެމްއޭއިން ބުނިގޮތުގައި، ބޭރު ފައިސާ އިތުރަށް ދޫކުރުމުގެ ސަބަބުން މުދާ އެތެރެކުރާ ފަރާތްތަކަށް ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ. އަދި އާންމުކޮށް ކާބޯތަކެތި ބޭނުންކުރާ މިންވަރު އިތުރުވާ މި ދަނޑިވަޅުގައި، މުދާ އެތެރެކުރުމުގެ ނިޒާމަށް ކުރިމަތިވާ ތާށިކަން ކުޑަވެ، ރާއްޖޭގެ ބާޒާރުގައި އަސާސީ މުދާ މެދުނުކެނޑި ލިބެން ހުރުމަށް މިކަމުން މަގުފަހިވާނެ ކަމަށް މަރުކަޒީ ބޭންކުން ބުނެ އެވެ.
އެމްއެމްއޭ އިން ބުނީ މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކުރުމަށާއި ބޭންކިން ނިޒާމަށް އެހީތެރިވުމަށް މަރުކަޒީ ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެމްއެމްއޭ އިން ބުނިގޮތުގައި މިފަދަ ފިޔަވަޅުތަކަކީ ރަމަޟާން މަހާއި ދިމާކޮށް ބޭރު ފައިސާއަށް އަންނަ މޫސުމީ ޑިމާންޑް މެނޭޖްކުރުމަށް އެ އޮތޯރިޓީން ގެންގުޅޭ ޚާއްސަ ސިޔާސަތެކެވެ.
އާސާސީ ބޭނުންތައް ނުފުދޭ އާއިލާތަކަށް ބީއެމްއެލްގެ އެހީ
އެހީއަށް އެދުނު މަންމައަށް އޭނާގެ ދަރިފުޅު އަނިޔާކޮށްފި
ސައުދީއަށް ހަނދު ފެނިއްޖެ