ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާ އާއި "ބޯޑް އޮފް ޕީސް" ގުޅިގެން ގާޒާގައި ހަނގުރާމައިގެ އަސަރުކޮށްފައިވާ ސަރަހައްދުތައް ފުޓުބޯޅައިގެ ޒަރީއާއިން އާރާސްތުކުރުމަށްޓަކައި ދުނިޔޭގެ ލީޑަރުންނާއި މުއައްސަސާތަކުގެ އިންވެސްޓްމަންޓްތައް ހޯދުމަށް ޕާޓްނަޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބެލުމުގެ ދަށުން އުފައްދާފައިވާ ބޯޑް އޮފް ޕީސްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ގާޒާ އާރާސްތުކުރުމަށް ބޭނުންވާ ފަންޑާ ގުޅޭގޮތުންނެވެ. މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ހަމާސްގެ ހަތިޔާރު އެޅި ޖަމާއަތްތަކުން ހަތިޔާރު ބެހެއްޓުމުން، ގާޒާ އަލުން ބިނާކުރުމެވެ.
މި މަޝްރޫއުގެ ދަށުން ފީފާއިން ގާޒާގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފަ އެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކާ ކައިރީގައި 50 މިނީ ޕިޗް އެޅުމާއި، އެކި ސަރަހައްދުތަކުގައި ފުޓުބޯޅަ ކުޅޭ ފަސް ދަނޑު އެޅުމާއި، ޒަމާނީ ފީފާ އެކަޑަމީއެއްގެ އިތުރުން 20،000 މީހުންގެ ޖާގައިގެ ގައުމީ ސްޓޭޑިއަމެއް ބިނާކުރުން ހިމެނެ އެވެ.
ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި ގާޒާގެ ފުޓުބޯޅައާ ގުޅުންހުރި މަޝްރޫއުތަކަށް ފީފާއިން 75 މިލިއަން ޑޮލަރު ހޯދާނެ އެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ، ފީފާ އާއި ބޯޑް އޮފް ޕީސް އިން ސޮއިކުރި ތާރީޚީ އެއްބަސްވުމުގެ ސަބަބުން، ހަނގުރާމައަށް ފަހު ސަރަހައްދުތައް އާރާސްތުކުރުމަށް ފުޓުބޯޅައިގެ ޒަރީއާއިން އިންވެސްޓްމަންޓްތައް އިތުރުވެގެންދާނެ ކަމަށެވެ.
މި ޕްރޮގްރާމުގެ ދަށުން ވަޒީފާގެ ފުރުސަތުތައް އުފެއްދުމާއި، ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، އަންހެން އަދި ފިރިހެން ކުދިންނަށް ޚާއްސަ ލީގުތައް ބޭއްވުމުގެ އިތުރުން، އެ ސަރަހައްދުގެ ވިޔަފާރިތައް ކުރިއެރުވުމަށް ވެސް މަސައްކަތް ކުރެވޭނެ ކަމަށް ފީފާއިން ބުނެ އެވެ.
ނަމަވެސް، ހަމާސްގެ ހަތިޔާރު އެޅި މީހުން ހަތިޔާރު ބެހެއްޓުމާއި، އިސްރާއީލު ސިފައިން އެ ސަރަހައްދުން ފޭބުމާއި، އަދި އާރާސްތުކުރުމަށް ބޭނުންވާ ފަންޑުގެ ބޮޑުމިނަކީ ކުރިއަށް އޮތް މަސްތަކުގައި މި ބޯޑުގެ މަސައްކަތްތަކަށް ކުރިމަތިވާނެ ބޮޑެތި ގޮންޖެހުންތަކެއް ކަމަށް ބެލެވެ އެވެ.
ރޯދަ ވީއްލުމަށްފަހު ގިނަގިނައިން ދިޔާ ތަކެތި ބޯން އާދަކުރޭ!
ޓްރަމްޕްގެ ވީޑިއޯ ހުރިކަމަށް ބުނެ އިރާންގެ ހެކަރުންގެ އިންޒާރެއް
ރެފަރަންޑަމާ ދެކޮޅު ހަދައި މުޒާހަރާކުރަން އެމްޑީޕީން ނިންމައިފި