ފިތުރު ޒަކާތުގެ ގޮތުގައި މި ރޯދަމަހު މިހާތަނަށް ލިބުނީ އަށް ލައްކަ ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިއަހަރު ޒަކާތް ދެއްކުމުގެ އިންތިޒާމު ހަަމަޖައްސާފައިވަނީ އޮންލައިންކޮށެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޒަކާތް ބަލައިގަތުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ރޯދަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ޒަކާތުގެ ގޮތުގައި 899،031 ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ 20،862 މީހުން ޒަކާތުގެ ގޮތުގައި ދައްކާފައިވާ ފައިސާ އެވެ. އޭގެ ތެރޭގައި ހިމެނެނީ އޮންލައިންކޮށް ޒަކާތުގެ ފައިސާ ދެއްކި 17،858 މީހުންނާއި، މިނިސްޓްރީގައި ބަހައްޓާފައިވާ ކައުންޓަރަށް ޒަކާތް ދެއްކި 3،005 މީހުންނެވެ.

އެ ހިސާބުތަކަށް ބަލާއިރު ނިމުނު 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 12 ދުވަހު، ޒަކާތްދެއްކި މީހުންނަށް ވުރެ މި ރޯދަ މަހު އެ މުއްދަތުގެ ނިޔަލަށް ޒަކާތް ދެއްކި މީހުންގެ އަދަދު ދެގުނަ މަދެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި ޒަކާތުގެ ގޮތުގައި 1،942،201 ރުފިޔާ ވަނީ ލިބިފަ އެވެ.

ފިތުރު ޒަކާތަކީ ދީނުގައި ކުރުން ވާޖިބު ކަމަކަށްވާއިރު، ހުރިހާ ފަރާތްތަކުން ވެސް މިކަމަށް ސަމާލްކަން ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އޮންލައިންކޮށް ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް ދިރާގާއި އުރީދޫ އާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

އުރީދޫއާއި ދިރާގުން އެސްއެމްއެސް މެދުވެރިކޮށްވެސް ޒަކާތް ދެއްކެން ހުންނާނެ އެވެ. އަދި ފަހިޕޭ އެޕްލިކޭޝަންއާއި ޕޯޓަލް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެ ގޮތް ހަމަޖައްސާފައިވެ އެވެ.

އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކުން، އިސްލާމިކް މިނިސްޓްރީގައި ޒަކާތް ދެއްކުމަށް ބަހައްޓާފައިވާ ޑެސްކަށް ވެސް ޒަކާތް ދެއްކޭނެ އެވެ.