މާލޭގެ މަގުތަކުގައި ނަން ބޯޑުތައް ހަރުކުރުމަށް މާލޭ ސިޓީ ކައުންސިލުން 25 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކުރި ކަމަށް ބުނެ މާލޭގެ ޑެޕިޔުޓީ މޭޔަރު މުހައްމަދު އަރީޝް ދެއްކެވި ވާހަކަތައް ސިޓީ ކައުންސިލުން ދޮގުކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އަރީޝްއާ ހަވާލާދީ "ދުވެލި" އޮންލައިން ނޫހުގައި ލިޔެފައި ވަނީ ދޮގު ހަބަރެއް ކަމަށެވެ.
އެ ބަޔާނުގައި ވަނީ މާލޭގެ މަގުތަކުގައި ނަން ބޯޑު ހަރުކުރުމަކީ މޭ 2021 ގައި ކައުންސިލުން ފާސްކޮށްފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ.
އެ މަސައްކަތް ކުރިއަށްގެންދަނީ މިދިޔަ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ގެޒެޓްގައި ކުރި އިއުލާނަކާ ގުޅިގެން ކުރިމަތިލީ ހަތް ފަރާތުގެ ތެރެއިން އެންމެ ގިނަ މާކްސް ލިބުުނު ފަރާތާ ހަވާލުކޮށްގެން ކަމަށެވެ. އެ މަސައްކަތުގެ އަގަކީ 3.9 މިލިއަން ރުފިޔާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ސިޓީ ކައުންސިލުން ބުނީ އަރީޝް އެ ވިދާޅުވާ 25 މިލިއަން ރުފިޔާ އަކީ އެ ހަތް ފަރާތުން ހުށަހެޅި އަގު އެއްކޮށްލުމުން އަރާވަރު ކަމަަށެވެ.
"ޑެޕިޔުޓީ މޭޔަރާ ހަވާލާދީ ރިޕޯޓްކޮށްފައިވާ 25 މިލިއަން ރުފިޔާގެ އަދަދަކީ މި މަސައްކަތަށް ކުރިމަތިލި ހަތް ފަރާތުން ހުށަހެޅި އަގު އެއްކުރީމަ ނުކުންނަ ޖުމްލަ އަދަދެވެ. އަދި ދަންނަވަމެވެ. މި މަސައްކަތް ހިނގަނީ ހަތް ކުންފުންޏަކާ ހަވާލުކޮށްގެންނޫނެވެ،" ސިޓީ ކައުންސިލްގެ ބަޔާނުގައިވެ އެވެ.
ކައުންސިލްގެ ޖަލްސާތަކުގައި ގަވާއިދުން ބައިވެރިވެވަޑައިގަންނަވާނަމަ އަރީޝްއަށް ކަންހިނގާގޮތް ރަނގަޅަށް ސާފުވާނެ ކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ބީއެމްއެލްގެ ބޯޑުން ނިންމީ ހިއްސާދާރުންނަށް އުފާވެރި ނިންމުމެއް
ވައި ނުސާފުވާ މައްސަލަ ހައްލުކުރަން މަޝްވަރާ ކުރަނީ
މިދިޔަ އަހަރު އެންމެ ގިނަ ނޫސްވެރިން މަރާފައިވަނީ އިޒްރޭލުން
