ދެހާސް ސޯޅަ ވަނަ އަހަރު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ރ. ރަސްގެތީމު، ފިތުރޯނުގެ، ފާތިމަތު ޝިއުނާ މަރުވި މައްސަލާގައި އިހުމާލުގެ ދައުވާ ކުރި ޑްރައިވަރު ގ. ސީވޭވް، އަހުމަދު މަލްދާން އަލީގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޝިއުނާ މަރުވީ ހުޅުމާލޭ ނިރޮޅުމަގު އުތުރުން ދެކުނަށް މަލްދާން ދުއްވި ކާރު ދަތުރުކުރަމުންދަނިކޮށް، ޝިއުނާ އިން ސައިކަލުގެ ފަހަތުގައި ޖެހި ހިނގި އެކްސިޑެންޓެއްގަ އެވެ. އެ އެކްސިޑެންޓުގައި ސައިކަލުގެ ފަހަތު ސީޓުގައި އިން ޝިއުނާ ވިއްސައިގެން ގޮސް އޭނާގެ ބޮލަށް ބޮޑެތި އަނިޔާތަކެއްވެފައިވެ އެވެ. ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ޝިއުނާ މަރުވީ އެވެ.

އެ މައްސަލާގައި މަލްދާންގެ މައްޗަށް ކުރީ މީހަކު މަރުވެދިޔުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ. މަލްދާންގެ މައްޗަށް އެކުށް ސާބިތުވިނަމަ ހަތަރު އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ބުނެފައި ވަނީ، މަލްދާން ކާރު ދުއްވީ "ބަލަންވާ ވަރަށް ނުބަލައި" ކަމަށެވެ. ދައުލަތުން "ބަލަންވާ ވަރަށް ނުބަލައި" މާނަ ކުރީ، އެއްގަމު އުޅަނދު ދުއްވުމާ ގުޅޭ ގާނޫނުތަކާއި ގަވައިދުގާއިވާ ކަނޑައަޅާފައިވާ މިންވަރަށް ވުރެ ބާރަށް ކާރު ދުއްވުން ކަމުގަ އެވެ.

ދައުލަތުން އެެގޮތަށް ބުންޏަސް ކާރު ދުއްވާފައި ދިޔަ ސްޕީޑެއް ސީދާކޮށް ދައުލަތަށް ބުނަން ނޭގެ އެވެ ދައުލަތުގެ ފަރާތުން ހުށަހެޅި ހުރިހާ ހެކިވެރިން ވެސް ބުނެފައި ވަނީ އެ މީހުންނަށް އަންދާޒާ ކުރެވުނު މިންވަރެވެ. ކާރުގެ ސްޕީޑު އެކި ހެކިވެރިން ޝަރީއަތުގައި އަންދާޒާ ކުރީ އެކި ވަރުވަރަށެވެ.

އެ ހެކިވެރިންގެ ތެރޭގައި ހާދިސާ ހިނގި އިރު ކާރު ތެރޭގައި ތިބި މީހުން ވެސް ހިމެނެ އެވެ.

ކްރިމިނަލް ކޯޓުން އެ މައްސަލައިގައި ހުކުމުގައި ބުނީ، މަލްދާން ކާރު ދުއްވާފައި ވަނީ ގާނޫނުތަކާއި ގަވައިދުތަކުގައި ކާރު ދުއްވުމަށް ކަނޑައަޅާފައިވާ މިންވަރަށް ވުރެ ބާރަށްކަން ހެކިންގެ ހެކިބަހަށް އެކަނި ބުރަވެ ކަނޑައެޅެން ނެތް ކަމަށެވެ.

ފުލުހުން ހެދި ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓުގައި ވަނީ ކާރާއި ސައިކަލާ ދޭތެރޭގައި ޓަޔަރުން އެޅުނު ސިކްޑް މާކްސް ފެންނަން ހުރި ކަމަށެވެ. ނަމަވެސް، އެ ސިކްޑް މާކް މަގަށް އެރީ ސައިކަލުގައި ކާރުގައި ޖެހުމުން ކަމެއް ސައިކަލު ކަހާލައިގެން ކަމެއް ވަކި ކުރަން ނޭނގޭ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އެހެންކަމުން، ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

މަލްދާންގެ އިތުރުން ކާރުގައި އިތުރު ތިން މީހަކު ތިއްބެވެ. އެ މީހުން ހެކިބަސް ދެމުން ބުނެފައިވާ ގޮތުގައި އެ މީހުން ކާރުގައި ދިޔައީ، އެތަނުން މީހެއް މަސައްކަތުގައި އުޅެނިކޮށް، ފަޔަށް ލިބުނު އަނިޔާއެއްގައި ފައިގެ އިނގިއްޔެއް ބުރިކޮށްލަން ޖެހޭ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނުމުން އަނިޔާވި މީހާ އަވަހަށް މާލެއަށް ފުރުވާލުމުގެ ބޭނުމުގަ އެވެ.

ޝިއުނާ މަރުވި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް ވެސް ބޮޑެތި އަނިޔާތަކެއްވި އެވެ. ކޯޓުގައި ހެކިބަސް ދެމުން އޭނާ ބުނެފައި ވަނީ އެ އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި ކާރު ޖެހުނު ފަހުން ވީ އެއްވެސް ގޮތެއް އޭނާ ހަނދާން ނެތް ކަމަށެވެ.