ސިއްހީ ކުއްލި ނުރައްކަލު ހާލަތުގެ ޒިންމާތައް ރައީސާއި މަޖިލީހަށް ނުދޭން ފާސްކޮށްފި އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ބާރު ހެލްތު މިނިސްޓަރަށް އޮންނަ ގޮތަށް އަދި ބާރުތައް ރައީސުލްޖުމްހޫރިއްޔާއަށް ހަވާލު ނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 37 މެންބަރުންގެ ވޯޓުންނެވެ.
ނުފެންނަ ކަމަށް 31 މެންބަރުން ވޯޓް ދެއްވި އެވެ. ވަކި ގޮތަކަށް ވޯޓް ނުދެއްވާ ދެ މެންބަރަކު ތިއްބެވި އެވެ.
އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އާންމު، ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ބިލަށް ގެނެސްފައިވާ މާއްދާ އުވާލަން މިއަދު ޖަލްސާއަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ބިލުގައި އަދި ގާނޫނުގައި ވެސް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ދީފައި އޮންނަނީ ހެލްތު މިނިސްޓަރަށެވެ. ނަމަވެސް އެ ބިލް ދިރާސާކުރި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ވަނީ ރައީސަށް އެ ބާރު ދެވޭ ގޮތަށް ބިލު ބަދަލުކޮށްފަ އެވެ.
ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓަށް މިއަދު އިސްލާހު ހުށަހަޅުއްވަމުން ޝާހިދު ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމުން ކައުންސިލަރުންގެ ދައުރު ދިގު ކުރަން ވެގެން ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފައަކަށް އެދުމުން މަޖިލީހަށް ދީފައިވާ ލަފާގައިވާ ގޮތުން ގާނޫނުއަސާސީގައި ހިމެނޭ ކުއްލި ހާލަތާއި ގާނޫނުގައި ހިމެނޭ ކުއްލި ހާލަތަކީ ދެ ހާލަތު ކަން ފާހަގަކޮށްފައިވާކަން އެނގޭ ކަމަށެވެ.
ސްޕްރީމްކޯޓުގެ ހުކުމް އެހެން އޮތުމުން ޝާހިދު އެދުނީ ރައީސަށް އެ ބާރު ދެވޭ ގޮތަށް ޖުޑިޝަރީ ކޮމިޓީއިން ގެނެސްފައިވާ އިސްލާހް ނެގުމަށެވެ.