ޒުވާނުންނުން ލަވަކިޔައި މަޖާކުރުމުގެ ހަރަކާތްތައް ހިންގާ މަރުކަޒުތައް މާލޭގައި ގާއިމުކުރުމަށް ގޮވާލާ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި އެ ގަރާރު ފާސްކޮށްފައިވަނީ 46 މެންބަރުންގެ ވޯޓުންނެވެ.
އެ ގަރާރު ފާސްކުރަން ނުފެންނަ ކަމަށް ފަސް މެންބަރަކު ވޯޓް ދެއްވި އެވެ. ވަކި ގޮތަކަށް ވޯޓް ނުދެއްވާ ދެ މެންބަރަކު ތިއްބެވި އެވެ.
ގަރާރުގައި ބުނެފައި ވަނީ މާލޭގައި ދިރިއުޅޭ ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް މާލޭގައި ގާއިމުކޮށްދިނުން މުހިންމު ކަމަށެވެ.
ހަސަން ލަތީފު އެ ގަރާރު މަޖިލިސްއަށް ހުށަހެޅުމުން ދީނީ އިލްމުވެރިންނާއި ގިނަ އަދަދެއްގެ އާންމުން ވަނީ ފާޑު ކިޔައިފަ އެވެ. އަދި އެއީ އިސްލާމީ ގައުމެއްގައި ހުރެގެންވާނެ ތަނެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް އެމްޑިޕީގެ ލީޑާޝިޕުގައި ހިމެނޭ މަޖިލިސް މެމްބަރުން ވަނީ އެ ގަރާރު ދިފާއު ކުރައްވައިފަ އެވެ.
މީގެ އިތުރުން ޒުވާނުން އެންމެ ބޮޑަށް ބޭނުން ވަނީ ބޯހިޔާވަހިކަމާއި އާމްދަނީ ލިބޭނެ ފުރުސަތުތަކާއި ވަޒީފާގެ ފުރުސަތުތައް ކަމަށް ބުނެ އަދި ޒުވާނުން އުޅެނީ މަޖާ ކުރާނެ ތަނެއް ނުލިބިގެން ކަމަށް ނޫން ކަމަށް ބުނެ ގިނަ ޒުވާނުން ވަނީ ސޯޝަލް މީޑިއާގައި އެ ގަރާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
މިއަދު ފާސްކުރި އެ ގަރާރަކީ ނާޗަރަންޖީ ކުޅޭނެ މަރުކަޒުތަކެއް ގާއިމް ކުރުމަށް ހުށަހަޅާފައިވާ ގަރާރެއްގެ ގޮތުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން ވަނީ ފާހަގަކުރައްވައިފަ އެވެ.
އެމްޑިޕީގެ ބައެއް މެމްބަރުން ވެސް އެ ގަރާރަށް ވޯޓު ނުދެ އެވެ. އޭގެ ތެރޭގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ހިމެނެ އެވެ.
ޒުވާނުން ހިތްހަމަޖެއްސުމަށް ސުވަރުގެއަށް ދެވޭނޭ މަގު ކޮށައިދޭންވީ ނޫންތޯ؟