އައްޑޫ ސިޓީގެ ތަރައްގީއަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގައުމީ ބޭންކު، ބީއެމްއެލް އޮތީ ތައްޔާރަށްކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ބީއެމްއެލްގެ އިންޓަނޭޝަނަލް ވޮލެޓް "ސްޕައިޕް" އައްޑުއަށް ތައާރަފުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ އައްޑޫގައި ގެދޮރު ހެދުމަށް، އެއްވެސް ރަހުނަކާ ނުލައި މިހާރު ތިން މިލިއަން ރުފިޔާގެ ލޯނު، ބީއެމްއެލްއިން ލިބެން ހުންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ގައުމީ ބޭންކުގެ ހައިސިއްޔަތުން، އެ ބޭންކުގެ މެންޑޭޓަކީ މިފަދަ މާލީ ހިދުމަތްތަކާއެކު ދިވެހި ރައްޔިތުންގެ އިގްތިސޯދީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް އެހީތެރިވުން ކަމަށެވެ.
"ގައުމީ މަސްލަހަތު އޮންނަ މުހިންމު ކަންތައްތަކަށް އިސްލާހީ ބަދަލުތައް ގެންނަމުން އަންނަނީ. އެއީ ރައްޔިތުންގެ ފަރާތުން އަންނަ ބޭނުންތަކަށް ވާތީކަން އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރައްވާނެ. ބޭންކުގެ ދައުރަކީ އެ ބޭނުމަށް އަމާޒުކޮށް، ވިޔަފާރީގެ ގޮތުން ދެމެހެއްޓެނިވި އަދި ޒިންމާދާރު ޕްރޮޑަކްޓްތައް ފަރުމާކުރާ މާލީ އިންޖީނެއްގެ ގޮތުގައި ހަރަކާތްތެރިވުން. އެހެންކަމުން، އަޅުގަނޑުމެން މިދިޔަ އަހަރެއްހާ ދުވަސްތެރޭ ގެނައި ހެޔޮ ބަދަލުތަކަކީ، ގައުމީ ފެންވަރުގެ ސިޔާސަތުން ފާހަގަކޮށްފައިވާ، މާކެޓުގެ ބޭނުންތަކަށާއި މުޖުތަމައުގެ މިހާރު މިއޮތް ހާލަތަށް ސީދާ އަމާޒުކޮށްގެން އެކަމަށް ގައުމީ ބޭންކުގެ ހައިސިއްޔަތުންދޭ އިޖާބައެއް،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައްޑޫ ރައްޔިތުންގެ ތެރެއިން ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންނަށް ބޭނުންވާ ބޯހިޔާވަހިކަން ހޯދުމަށް ހާއްސަ ޕްރޮޑަކްޓެއް ބީއެމްއެލުން ތައާރަފު ކޮށްފައިވާނެ ކަމަށެވެ. އަދި އައްޑޫގައި ގެސްޓްހައުސްގެ ވިޔަފާރި ފެށުމަށް ބޭނުންވާ މީހުންނަށް ވެސް ބީއެމްއެލް އިން މާލީ އެހީތެރިކަން ލިބެން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބޭންކު މި އޮތީ ހުރިހާ ގޮތަކުން ވެސް އައްޑޫގެ ތަރައްގީއަށްޓަކައި އެހީތެރިވުމަށް. މިކަމަށްޓަކައި ބޭނުންވަނީ އެންމެން ގުޅިގެން މަސައްކަތް ކުރުން. ތިޔަ ބޭފުޅުންގެ ބެންކް އަބަދުވެސް އޮންނާނީ ތައްޔާރަށް،" ޝަރީފް ވިދާޅުވި އެވެ.
އައްޑޫގައި ބީއެމްއެލްގެ 67 މުވައްޒަފުން އެބަތިބި ކަމަށާއި، މާލެ ފިޔަވައި، އެއް އަތޮޅެއްގައި އެންމެ ގިނަ ބްރާންޗާއި އޭޓީއެމް އަދި ކޮންޓެކްޓް ސެންޓަރެއް ހުންނަނީ އައްޑޫގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މާލޭގައި ވެސް މި ސިޓީ އަށް ނިސްބަތްވާ 140 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރައްވާ. އަދި ބޭންކުގެ ސީނިއާ މަގާމުތަކުގައި އައްޑު އަށް ނިސްބަތްވާ މުވައްޒަފުން ގިނަކަން ވެސް ފާހަގަކުރަން،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް ސްވައިޕް ޑިވެލޮޕްކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރީ އައްޑޫގެ ޑިވެލޮޕަރުން ކަމަށެވެ.
މާލެ އިން ބޭރުގައި ބީއެމްއެލްގެ ފުރަތަމަ ބްރާންޗެއް ހުޅުވީ މީގެ 42 އަހަރުކުރިން އައްޑޫގައި ކަމަށާއި އައްޑޫގައި، ބީއެމްއެލްގެ ހިދުމަތް ފެށިއިރު އަމިއްލަ ވިޔަފާރިތަކާއި، ފަރުދުންގެ އެކި ބޭނުންތަކަށް މާލީ އެހީތެރިކަން ލިބުމާއި ފައިސާ ރައްކާކުރުމުގެ ފުރުސަތު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންކަމުން ބީއެމްއެލްގެ ވެގެން ދިޔައީ އައްޑޫގެ ވިޔަފާރިތަކާއި، ރައްޔިތުން ބޭނުންވާ ތަރައްގީ އާއި ކުރިއެރުން ހޯދައިދިން މިތުރަކަށް،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ޑިޖިޓަލް އިގްތިސޯދެއް ގާއިމް ކުރުމަށް އޮތް އެންމެ މުހިންމު އެއްކަމަކީ ހަރުދަނާ އޮންލައިން ޕޭމަންޓް ނިޒާމެއް ގާއިމުކުރުން ކަމަށެވެ.
ސުވައިޕްއަކީ ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެއާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭ އުފެއްދުމެއްކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ހާސިލް ކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށް ޝަރީފު ވިދާޅުވި އެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު ސްވައިޕަކީ ފަތުރުވެރިންނަށް ވެސް ރާއްޖޭގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ރަސްމީ ވޮލެޓް ކަމަށް ޝަރީފް ވިދާޅުވި އެވެ.

އިރާގުގައި ހުންނަ ޔޫއޭއީ ކޮންސިއުލޭޓަށް ދިންހަމަލާ ކުށްވެރިކޮށްފި
އެއާޕޯޓުން ޑޮލަރު ފޭރުނު 8 މީހަކަށް ދައުވާ ކޮށްފި
ބީއެމްއެލްގެ އިންޓަނޭޝަނަލް ވޮލެޓް "ސްޕައިޕް" އައްޑުއަށް