ހޮލީވުޑްގެ މަޝްހޫރު ފިލްމު ފްރެންޗައިޒް "ސްޕައިޑާމޭން"ގެ އާ ފިލްމު "ސްޕައިޑަމޭން: އަ ބްރޭންޑް ނިއު ޑޭ"ގެ ޓްރެއިލާ ރަސްމީކޮށް ރިލީޒް ކޮށްފި އެވެ.

މާވެލް ސްޓޫޑިއޯސްއާއި ސޮނީ ޕިކްޗާސްއިން މިދިޔަ ބުދަ ދުވަހު ރިލީޒްކުރި ދެ މިނެޓުގެ އެ ޓްރެއިލާގައި ޝައުގުވެރި އެތައް ކަމެއް ފެނިގެންދެ އެވެ.

އެގޮތުން ޕީޓާ ޕާކާގެ ގޮތުގައި ޓޮމް ހޮލެންޑް އެނބުރި އަންނައިރު އޭނާއަށް ލިބޭ ނުރައްކާތެރި އިންޒާރަކާއެކު އޭނާ ވަރުގަދަ ކުރިމަތިލުމަކަށް ތައްޔާރުވެ އެވެ.

މި ކުރިމަތިލުމުގައި މީގެ ކުރިން އޭނާއަށް އެހީވެދިން އެމްޖޭއާއި ނެޑް ނުފެންނައިރު ހާލަތު ރަނގަޅު ކުރުމުގެ ޒިންމާ އެޅިފައިވަނީ ހަމައެކަނި ސްޕައިޑަމޭންގެ ބޮލުގަ އެވެ.

މި ޓްރެއިލާ އާއްމު ކުރުމާއެކު ބެލުންތެރިންގެ ފަރާތުން ތައުރީފު ލިބެމުން އަންނައިރު މި ފިލްމަކީ ތަފާތު ފިލްމަކަށް ވާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ޑެސްޓިން ޑެނިއަލް ކްރެޓަން ޑައިރެކްޓްކޮށް ޓޮމްގެ އިތުރުން ސޭޑީ ސިންކް، ޖޮން ބާންތަލް އަދި މައިކަލް މޭންޑޯ މުހިއްމު ރޯލުތަކުން ފެނިގެންދާ ސްޕައިޑަމޭން: އަ ބްރޭންޑް ނިއު ޑޭ ރިލީޒް ކުރާނީ އަންނަ ޖުލައި މަހުގެ 31ގަ އެވެ.