ރައީސް މުހައްމަދު މުއިއްޒުގެ ގަރާރަކުން ރ. އުނގުލަކީ އެ އަތޮޅު އުނގޫފާރުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބައެއްގެ ގޮތުގައި ހަމަޖެއްސެވުމާ އެކު، އެ ރަށަށް އަރައި ފޭބޭނީ ހަމައެކަނި އުނގޫފާރުގެ ރަށްވެހިންނަށާއި އެރަށު މީހުންނާ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ކަމަށް އުނގޫފާރު ކައުންސިލުން ކަނޑައަޅައިފި އެވެ.

އުނގޫފާރު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އުނގުލާ މެދު އަމަލުކުރާނެ ވަކި އުސޫލެއް ކަނޑައަޅައި ނިމެންދެން އެ ރަށަށް އަރައި ފޭބުމުގައި އަމަލުކުރާނީ ހާއްސަ އުސޫލެއްގެ ދަށުން ކަމަށެވެ.

މި އުސޫލުގެ ދަށުން އުނގުލަށް އެރުމުގެ ހުއްދަ ދެވޭނީ އުނގޫފާރުގެ ރަށްވެހިންނާއި، އެރަށުގެ ރަށްވެއްސަކާ ކައިވެނިކޮށްގެން އުނގޫފާރުގައި ދިރިއުޅޭ މީހުންނާއި އެމީހުންގެ ދަރިންނަށް އެކަނި ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

އުނގުލަށް އެރުމަށް ބޭނުންވާ ފަރާތްތަކުން ކައުންސިލުން އާންމުކޮށްފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރަން ޖެހެ އެވެ. މި ފޯމް ފުރިހަމަ ކުރުމުގެ ސުންގަޑި އަކީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ. ހުއްދަ ލިބޭ ފަރާތްތަކަށް ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 7:30 އިން ހަވީރު 5:00 އާ ދެމެދު އެ ރަށަށް އެރުމުގެ ފުރުސަތު ލިބޭނެ އެވެ.

ކައުންސިލުން ބުނި ގޮތުގައި، އުނގުލުން ހޮވާ ކޮންމެ ހަތަރު ކާއްޓަކުން އެއް ކާށި ކައުންސިލަށް ދޭން ޖެހޭނެ އެވެ. ކައުންސިލަށް ލިބޭ މި ކާށިތައް ވިއްކުމަށް ހަމަޖެހިފައިވަނީ އުނގުލުން ގަންނަ ނަމަ 5 ރުފިޔާއަށް އަދި އުނގޫފާރުން ގަންނަ ނަމަ 7 ރުފިޔާ އަށެވެ. ކާށި ފިޔަވައި ކުއްޅަވައް، ފަން އަދި މިދިލި އޮށް ހޮވާ މީހުންނަށް އެތަކެތި ހިލޭ ލިބޭނެ ކަމަށް ވެސް ކައުންސިލުން ބުނެފައިވެ އެވެ.

މީގެ އިތުރުން، ރުއްގަހަށް އެރުމާއި، ރުއް ކެނޑުމާއި، ދިގު ދަނޑި ބޭނުންކޮށްގެން ރުކުން އެޅުމަކީ މަނާ ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އެންމެހާ ފަރާތްތަކުން ސަމާލުވުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކައުންސިލްގެ ރަސްމީ ހުއްދައެއް ނެތި އެއްވެސް ފަރާތަކުން އުނގުލަށް އަރައި ފޭބުމަކީ މަނާ ކަމެއް ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. "މި އެންގުމާ ހިލާފުވާ ފަރާތްތަކާމެދު، ކަނޑައެޅިފައިވާ ގާނޫނީ އުސޫލުތަކުގެ ތެރެއިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް މި ކައުންސިލުން އަޅަމުންދާނެ،" ކައުންސިލްގެ އިއުލާނުގައި ބުނެފައިވެ އެވެ.