ފައިސާ ދައްކާފައިވާ ކޮވިޝީލްޑް ވެކްސިންގެ 700،000 ޑޯޒް އަންނަ ޖުލައި މަހުގެ ތެރޭގައި ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރުގެ އެސްޓްރާޒެނެކާއިން ގެންނަން ނިންމާފައި އެ ވެކްސިން މިދިޔަ މާޗް މަހު ގެނެވޭނެ ކަމަށް މިނިސްޓަރު ކުރިން ވިދާޅުވެފައިވެ އެވެ. އަދި އެ ވެކްސިން ނުލިބި ލަސްވާތީ ގިނަ ބަޔަކު ދަނީ އެކަމާ ޝަކުވާކުރަމުންނެވެ.

އާއްމުން ޝަކުވާކުރަން ފެށުމުން ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމަށް ރޭ ދެއްވި އިންޓިވިއުއެއްގައި ނަސީމް ވިދާޅުވެފައި ވަނީ، ރާއްޖެއިން ވެކްސިން ހުސްވެދާނެކަމުގެ ބިރު ނެތް ކަމަށެވެ. ސަބަބަކީ ފައިސާ ދައްކާފައިވާ 700،000 ޑޯޒް ވެކްސިން ވެސް އަންނަ ޖުލައި މަހުގެ ތެރޭގައި ލިބޭތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ނަސީމް ވިދާޅުވެފައި ވަނީ މިހާރު ވެސް ރާއްޖޭގައި ދަތިނުވާ ވަރަށް ވެކްސިން އެބަހުރި ކަމަށެވެ.

ނަސީމް ވިދާޅުވެފައި ވަނީ ސިންގަޕޫރުގެ އެސްޓްރާޒެނެކާ ކުންފުނިން ގަނެފައިވާ ވެކްސިން އަންނަ މަހު ލިބި އެ ވެކްސިންތައް އާންމުންނަށް ދިނުމުގެެ މަސައްކަތް ވެސް އަންނަ މަހު ފަށާނެ ކަމަށެވެ.

ކޮވިޝީލްޑް ވެކްސިނުގެ 300،000 ވެކްސިން ގަތުމަށް ރާއްޖެއިން ވަނީ އިންޑިއާ އަށް ފައިސާ ދައްކާފަ އެވެ. އެގައުމުން އަދި ލިބިފައި ވަނީ 100،000 ޑޯޒް ވެކްސިނެވެ.

މިނިސްޓަރު ވިދާޅުވެފައި ވަނީ 16-18 ދެމެދުގެ ކުދިންނަށް ހާއްސަކޮށް ފައިޒާ ވެކްސިން ވެސް ގަތުމަށް ނިންމާފައިވާ ކަމަށާއި، އެ އުމުރު ފުރައިގެ 12،000 ކުދިން ތިބި ކަމަށެވެ.

މާލެ ސަރަހައްދުގައި މިވަގުތު ކޮވިޝިލްޑް ވެކްސިން ޖެހުން ވަނީ މެދުކަނޑާލައިފަ އެވެ.