ރައީސް މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ އެތައް ބަޔަކު ގުރުބާން ވެގެން ގެނައި ޑިމޮކްރެޓިކް ނިޒާމު ރޫޅާލައި ހުދުމުހުތާރު ވެރިކަމެއް ގެނައުމަށް ކަމަށް ވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގައި ރޭ ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި ސޯލިހު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވޯޓުދޭއިރު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު ގައުމުގެ ހާލަތު ބަދަލުވެގެން ދިޔަ ގޮތް ވަޒަންކުރަންޖެހޭ ކަމަށެވެ.

ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު މަސައްކަތް ކުރެއްވީ ޑިމޮކްރެޓިކް ނިޒާމް ހަރާބުކޮށްލުމަށް ކަމަށް ސޯލިހު ވިދާޅުވި އެވެ.

ޑިމޮކްރެޓިކް ނިޒާމް ހަރާބުކޮށްލުމަށް ކުރި މަސައްކަތްތަކުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަން ގެއްލުވާލައި، އެމަނިކުފާނު ބޭނުންވާ ބަޔަކު ކޮމިޝަންގެ ރައީސްކަމަށް އައްޔަން ކުރުމާއި ރައްޔިތުންގެ މެންބަރުންނަށް މިނިވަންކަމާއެކު ވޯޓު ނުދެވޭ ގޮތަށް "އެންޓި-ޑިފެކްޝަން" ގާނޫނުގެ ބޭނުން ހިފައި، ރައްޔިތުންގެ މަންދޫބުންގެ ބާރު ކަނޑުވާލުމާއި ޝަރުއީ ދާއިރާއަށް އިތުބާރު އުފެދެމުން ދަނިކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކޮށް، އަދުލު އިންސާފުގެ ނިޒާމަށް ނުފޫޒު ފޯރުވުން ހިމެނޭ ކަމަށް ސޯލުހު ވިދާޅުވި އެވެ.

"މުޅި ނިޒާމު ހަރާބު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވީ. ޖަވާބުދާރީ ކުރުވުމުގެ މުޅި ނިޒާމު އެމަނިކުފާނު އެ ގެންދަވަނީ ރޫޅާލަމުން. ދެން ކުރެއްވި ކަމަކީ ތިޔަ ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ތިބޭފުޅުންގެ މަންދޫބުންގެ ބާރު ކަނޑުވާލުން،" ސޯލިހު ވިދާޅުވި އެވެ.

މީގެއިތުރުން ކައުންސިލްތަކުގެ ބާރު ކަނޑުވާލައި ލާމަރުކަޒީ ނިޒާމް ފުނޑުފުނޑުކޮށްލަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްދުވަހެއްގައި ބާއްވަން ނަގާ ވޯޓުގައި ނޫނެކޭގައި ފާހަގަޖެހުމަށް އެމަނިކުފާނު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.