އެމެރިކާގެ ފުރަތަމަ ޓެސްޓިއުބް ބޭބީ ދުނިޔެއަށް އުފަންވީ މީގެ 44 އަހަރު ކުރިން. އޭގެ އެތައް އަހަރަކަށް ފަހު މިއަދު ވެސް ގިނަ ކުދިންތަކެއް އައިވީއެފް ހަދައިގެން ދުނިޔެއަށް އުފަން ކޮށްފައިވޭ. ލެބޯޓަރީގައި އެ ކުދިން ދަރިމައި ކުރި ނަމަވެސް އުފެދުމުގައި އަދި ދިރިއުޅުމުގައި ވެސް އެހެން ކުދިންނާ އެކުދިންނާ އެއްވެސް ތަފާތެއް ނުހުރޭ. ނަމަވެސް އެމެރިކާގައި އުފަންކުރި ފުރަތަމަ ޓެސްޓިއުބް ބޭބީ ކައިރިން އަދިވެސް ވަރަށް އާދަޔާ ހިލާފު ސުވާލެއް މީހުން ކުރޭ. އޭގެ ޖަވާބު ބުނެދިނުމަށް އޭނާ ގިނަ ގޮތް ގޮތުން މަސައްކަތް ކުރޭ.

މީގެ 44 އަހަރު ކުރިން އެމެރިކާގެ ބޮސްޓަންއަށް އުފަންވި އެލިޒަބަތް ކާ އަކީ ހަމަ އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ މެދުއުމުރުގެ އަންހެނެކެވެ. އޭނާގެ ހުންނަ ގޮތާއި އުޅޭ އުޅުމާ އެ އުމުރުގެ އެހެން މީހުންނާ ވަކި ތަފާތެއް ހުންނަ ކަމެއް ފާހައެއް ނުވެ އެވެ. ނަމަވެސް މީހުންނަށް ނޭނގި އޮތް ހަގީގަތަކީ އޭނާއަކީ އެމެރިކާގެ ތާރީޚުގައި އެންމެ ފުރަތަމަ ލެބޯޓަރީއެއްގައި ދަރިމައި ކުރުވި "ޓެސްޓިއުބް ބޭބީ" ކަމެވެ. ނުވަތަ އައިވީއެފް ހަދައިގެން ލިބުނު ފުރަތަމަ ބޭބީ ކަމެވެ. އޭނާއަށް ފަހު އެފަދަ އެތައް ޓެސްޓިއުބް ބޭބީއެއް އެމެރިކާގައި ވަނީ އުފަން ކޮށްފަ އެވެ.

އެމެރިކާގެ ބޮސްޓަން ސިޓީގައި ޕަބްލިކް ރިލޭޝަންސް ރެޕްރެސެންޓޭޓިވް އެޑްވޮކޭޓްއެއްގެ ގޮތުގައި މަސައްކަތް ކުރާ އެލިޒަބެތް ބުނިގޮތުގައި އެމެރިކާގެ ފުރަތަމަ ޓެސްޓިއުބް ބޭބީއަށް އޭނާ ވުމުން، އޭނާއަށް އިހްސާސް ކުރެވެނީ އޭނާއަކީ ދުނިޔޭގައި ދިރިއުޅޭ އޭނާ ކަހަލަ އެތައް ކުދިންނެއްގެ ދައްތަ ކަމަށެވެ.

އާންމުކޮށް އައިވީއެފް (އިންވިޓްރޯ ފާޓިލައިޒޭޝަން ) ހަދަނީ ދަރިމައިވުމުގައި މައްސަލަ ހުންނަ ފަރާތްތަކަށް ކަމަވި ނަމަވެސް އެލިޒަބަތްގެ މަންމައަށް ދިމާވެފައި ވަނީ މުޅިން އެހެން މައްސަލަ އެކެވެ. އެއީ ރަހިމް ތެރޭގައި ބޭބީ ބޮޑު ނުކުރެވުމެވެ. ދަރިއަކު ހޯދަން މަސައްކަތް ކުރުމުގެ ތެރޭގައި ތިން ފަހަރު ވެސް އޭނާގެ ދަރިމައިވެފައިވާ ބިސް އަށަގަނެފައި ވަނީ ރަހިމުން ބޭރުގައި، ބިސް ދަތުރު ކުރަން އޮންނަ ޚާއްސަ ހޮޅި "ފެލޯޕިއަން ޓިއުބް" ތެރޭގަ އެވެ. އޭގެއިން ބައެއް ފަހަރު ދަރިމައިވެފައިވާ ބިސް ބޮޑުވެ، އެ ހިމަހޮޅި ފަޅައިގެން ގޮސް ފުރާނައަށް ނުރައްކާވެފައި ވެސް ވެ އެވެ.

އެލިޒަބަތްގެ މަންމައަށް އައިވީއެފް ހެދުމަށް ލަފާދިނީ އޭނާގެއަށް ފަރުވާ ކުރި ޑޮކްޓަރެކެވެ. އެ ޑޮކްޓަރަށް އައިވީއެފްއަކީ ދަރިމައި ނުވާ މީހުންނަށް ކުރެވޭ ޚާއްސަ ފަރުވާއެއް ކަން އެނގުނީ އޭނާ ބައިވެރިވި ކޮންފަރެންސަކުންނެވެ. އޭރު އެމެރިކާގެ ވާޖީނިއާގެ ނޯފޯލްކް އަވަށުގައި ދެ ޑޮކްޓަރަކު އައިވީއެފް ކްލިނިކެއް ހުޅުވައި، ފަރުވާދިނުމަށް ތައްޔާރު ވަމުން ދިޔަ އެވެ.

މި ޚަބަރު ލިބުމާއެކު އެލިޒަބަތުގެ މައިންބަފައިންގެ އުންމީދު އާވި އެވެ. ދެން އެ ދެމީހުން އަވަސްވެގަތީ ވާޖީނިއާއަށް ގޮސް އެ ކްލިނިކުން ފަރުވާ ހޯދުމަށެވެ. އެ ދުވަސްވަރު އައިވީއެފް ހެދުން އެ ދެމަފިރިން ދިރިއުޅެމުން އަންނަ އެމެރިކާގެ މަސަޗޫސެޓް ސްޓޭޓްގައި މަނަލެވެ.

އައިވީއެފް އަކީ ރަހިމުން ބޭރުގައި ލެބޯޓަރީގައި ދަރިފަންޏާއި ބިސް ދަރިމައި ކުރުވުމެވެ. ސައިންސްގެ މި ކުރިއެރުމަކީ ދަރިން ލިބުމުން މަހުރޫމުވެފައިވާ އެތައް އާއިލާއެއްގެ އުންމީދު އާކުރުވި ކަމެކެވެ.

އައިވީއެފްގެ ފަރުވާ ކާމިޔާބުވެ، އެލިޒަބެތް އުފަންވުމާއެކު ނޫސްތަކުގެ ފަލަ ސުރުހީތަކަށް އެ ޚަބަރު އެރި އެވެ. އެކި މީޑިއާތަކުން އެލިޒަބަތާއި އޭނާގެ މައިންބަފައިން ގެ ފޮޓޯ ނަގައި ނޫސްތަކުގައި ޖެހި އެވެ. އެލިޒަބަތުގެ އުމުރުން އެންމެ ތިންދުވަސް ވީ ދުވަހު އޭނާގެ ފުރަތަމަ ނޫސް ކޮންފަރަންސަށް އެރި އެވެ.

ފުރަތަމަ ކޮޅުގައި އެ ދެމަފިރިންނަށް ފަރުވާކުރި ޑޮކްޓަރުން އެ ވާހަކަ ސިއްރުކުރަން އެދުނު ނަމަވެސް އެލިޒަބަތުގެ މައިންބަފައިން ނިންމީ އެ މީހުންގެ ދަރިފުޅުގެ ވާހަކަ އާންމުންނަށް އެންގުމަށެވެ. އެއީ އެ މީހުންނަށް ލިބުނު ދަރިފުޅަކީ އެހެނިހެން ކުދިންނެކޭ އެއް ވެސް ތަފާތެއް ނެތް ކުއްޖަކަށް ވެފައި، އައިވީއެފްގެ ތަޖުރިބާ ރަނގަޅު ވުމުންނެވެ.

ނަމަވެސް އެލިޒަބަތު އުފަން ކުރުމަށް ނެގި ފަރުވާގެ ވާހަކަ ހިއްސާ ކުރުމުން އެ ދެމަފިރިންނަށް އެކި ކަހަލަ ތަފާތު ސުވާލު އާންމުންގެ ފަރާތުން އަ އެވެ. އޭގެ ތެރެއިން އެންމެ އާންމުކޮށް މީހުން ކުރާ ސުވާލަކީ އެ ދަރިފުޅުގެ ފޫޅެއް ހުރޭތޯ އެވެ. އެއީ ލެބޯޓެރީގައި އެ ދަރިފުޅު ދަރިމައި ކުރި ކަމަށް ބުނުމުންނެވެ.

އެލިޒަބެތް އުފަން ވިތާ 50 އަހަރު ފަހުން ވެސް އެމެރިކާގެ 2.6 ޕަސެންޓް ކުދިން އުފަން ކުރުވަނީ މި އަގު ބޮޑު ފަރުވާ ބޭނުން ކޮށްގެންނެވެ.