މައްސަލަތަކުގައި ބަދަލުނަގައިދިނުމުގައި ރިއާޔަތްކުރަން ޖެހޭ ގޮތަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި މަދަނީ އިޖުރާތުގެ ބިލް ނުނިމި ލަސްވަނީ ސަރުކާރުގެ ސަބަބުން ކަމަށް މަޖިލީހުގެ ޖުޑީޝިއަރީ ކޮމެޓީން މިއަދު ބުނެފި އެވެ.

އެ ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، މަދަނީ އިޖުރާތުގެ ބިލް މިދިޔަ އަހަރު ފެބްރުއަރީ މަހު ފޮނުވާފައި އޮތް ނަމަވެސް ބިލް ދިރާސާކުރަމުން ދަނިކޮށް ފޮނުވި ބިލަކީ ރަނގަޅު ވާޝަނެއް ނޫން ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނި ކަމަށެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރު ޖުލައި މަހު ބިލް ފޮނުވުއިރު ފޮނުވީ ފުރަތަމަ ބާބާއި ދެވަނަ ބާބު ކަމަށާއި އޭގެ ފަހުން ބިލަށް ހިޔާލު ފާޅުކުރަން ހުޅުވާލާ އޮކްޓޫބަރު މަހާ ހަމައަށްވެސް ޖުމްލަ ބިލް ސަރުކާރުން ފޮނުވާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދު ޖުޑިޝަރީ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ ރައީސް އޮފީހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުވައި ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސެލް އަހްމަދު އަބްދުﷲ އަފީފު ދެއްކެވި ވާހަކަތަކާ ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.

ރޭގެ ބައްދަލުވުމުގައި އަފީފު ވިދާޅުވީ ބަދަލު ދިނުމުގެ މައްސަލަތައް އެންމެ އިންސާފުވެރި ގޮތަކަށް ކުރެވޭނީ ކަމާ ގުޅޭ ގާނޫނުތައް މަޖިލީހުން ފާސްކޮށްދީގެން ކަމަށެވެ. އަދި އެކަމާ ގުޅޭ މަދަނީ އިޖުރާތުގެ ބިލް މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ސަރުކާރުން ފޮނުވި ކަމަށާއި ނަމަވެސް މިހާތަނަށްވެސް ބިލް ނުނިމި އޮތުމަކީ އިންސާފަށް އޮތް ހުރަހެއް ކަމަށެވެ.

އަފީފުގެ ވާހަކަތަކަށް ރައްދުދެއްވަމުން މިއަދު އިމްތިޔާޒު ވިދާޅުވީ ބިލް ލިބުނު ތާރީހާ އަޅާބަލާއިރު ބިލްގެ މަސައްކަތްތައް ކުރެވެމުންދާ ސްޕީޑް ލަސްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ހާއްސަ އަހައްމިޔަތު ކަމެއް ދީގެން އެ ބިލް ދިރާސާކުރަން ވަކި ހާއްސަ ދުވަސްތަކެއް ކަނޑައަޅައި ވޯކްޝޮޕްއެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންގޮސް ބިލް ނިންމަން މިހާރު އަމާޒު ހިފައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.