ރާއްޖޭގައި މިއަދު މިއޮތް ރައީސް މުހައްމަދު މުއިއްޒުގެ ހުދުމުހުތާރުވެރިކަން ރައްޔިތުން ނިންމާނެ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ ރައީސް މުއިއްޒު އިސްވެ ހުންނަވާ ދައުލަތުގެ ތިން ބާރު ޕެރަލައިޒްކޮށް، މިނިވަން މުއައްސަސާތަކަކީ ވާގި ނެތް ބަޔަކަށް ހައްދަވާފައިވާ ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ މެންބަރުންނަކީ އެދާއިރާއެއްގެ ރައްޔިތުން އިންތިހާބު ކުރެއްވި ރައްޔިތުންގެ ހައްގުގައި ބަސްބުނުމުގެ އިހުތިޔާރެއް ބާރެއް ނެތް މަންމަނު ބައެއްގެ ގޮތުގައި ހެއްދެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނެތި ކޮންމެ ރަށެއްގައި ރައީސް މުއިއްޒު ހެއްދެވި ޕީއެންސީގެ ސްޓިއަރިން ކޮމެޓީ ތަކުން ރައްރަށުގެ ކައުންސިލުތަކުގެ މައްޗަށް ބަސްކިޔާ ރައީސް މުއިއްޒު އިސްވެ ހުންނަވާ ދައުލަތުގެ ތިޖޫރީން ބޮޑެތި އަދަދުން ވައްކަންކޮށް، އެއްވެސް އުސޫލެއް، ހަމައެއް، ލަމައެއް ނެތި ހިތުހުރި ބަޔަކަށް ވަޒީފާތައް ބެއްސެވުމަށްފަހު ރައްޔިތުންނަކީ ގަމާރު އަދި ވަރަށް ނިކަމެތި އަޅުންގެ ގޮތުގައި ދެކެމުން އަންނަ ކަމަށެވެ.
ރައީސް މުއިއްޒު ހިތުން ދިވެހި ރައްޔިތުންނަކީ ތަންދޮރު ނުދަންނަ މޮޔަ ގަމާރުންތަކެއް ކަމަށާއި ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުން ފެށިގެން މިއަދާ ހަމައަށް ރައްޔިތުންގެ ކުރިފުޅުމަތީގައި ހުންނަވާ ރެއާ ދުވާލު ހުއްޓާނުލާ ހައްދަވަމުން ދިޔަ ބޮޑެތި ދޮގުތައް ނުހައްދަވާ ކަމަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒު ހިންގި ޖަރީމާތައް ބެލޭނެ ދުވަހެއް އަންނާނެ ކަމަށާއި ދިވެހި ރައްޔިތުން މި ހުދުމުހުތާރުވެރިކަން ބަދަލުކުރާނެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
ޅަފަތުގެ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދޭންވީ މިހެންވެ!
މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ގަޕޯ ވިދާޅުވެއްޖެ
