ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެވުންދާތީ ވަކި ތަފާތު ކުރުމެއް ނެތި ހަރުކަށި ފިޔަވަޅުތައް އެޅުމަށް މަޝްހޫރު ޑޮކްޓަރު އަލީ ނިޔާފް ގޮވާލައްވައިފި އެވެ.
ހަލުވިކަމާއެކު ކޮވިޑް ފެތުރެވުން އަންނާތީ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
މިކަމާ ގުޅިގެން ނިޔާފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ކޮވިޑް ފެތުރިގެންދާތީ ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ ފުރަތަމަ ޒިންމާއަކީ ގައުމުގެ ރައްޔިތުންގެ ފުރާނަޔާއި ސިއްހަތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ނިޔާފް ވިދާޅުވީ ކޮވިޑްގެ ދެ ވަނަ ރާޅު ސަލާމަށް ވުމަށްޓަކައި އެންމެ އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށާއި އެންމެ އެކީގައި މަސައްކަތް ކުރާނަމަ މިކަމުން އަރައި ގަނެވޭނެ ކަމަށެވެ.
ޑރ. ނިޔާފްގެ އިތުރުން އެހެން ބައެއް ޑޮކްޓަރުން ވެސް އަންނަނީ ރާއްޖޭގެ ކޮވިޑް ހާލަތު ގޯސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮވިޑް-19 ފެތުރެމުންދާތީ މާލެ ސަރަހައްދު ފުރަބަންދު ކުރަން ޑޮކްޓަރުން ވަނީ ލަފާ ދީފަ އެވެ. އަދި ފުރަބަންދު ނުކުރަން ނިންމައި، ބަދަލުގައި ސަރުކާރުން ހުށަހެޅީ ވަކި ގަޑިތަކެއްގައި މާލޭގެ ކާފިއު އިއުލާނު ކުރުމަށެވެ. އެގޮތުން ސަރުކާރުން ވަނީ ރޭގަނޑު 20:00 އިން ފަތިހު 5:00 އަށް ކާފިއު އިއުލާން ކުރުމަށް މަޝްވަރާ ކޮށްފަ އެވެ.
ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ދުވަހުން ދުވަހަށް އަންނަނީ ގޯސްވަމުންނެވެ. އެގޮތުން ފައްސިވާ މީހުންގެ އިންސައްތަ އިތުރުވެ، ހޮސްޕިޓަލުގައި ފަރުވާ ދޭ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.
އެހެން ނަމަވެސް ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ރަނގަޅު ފިޔަވަޅުތަކެއް އަޅާފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އެފަދަ ފާޑުވިދާޅުވުންތަކެއް ކިޔަވަމުން އަންނަނިކޮށް، އިއްޔެ ސަރުކާރުން ވަނީ މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ރަށްތަކުގެ މީޙުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މާދަމާއިން ފެށިގެން މަނާ ކޮށްފަ އެވެ.
އެގޮތަށް ދަތުރު ކުރެވޭނީ ހަމަ އެކަނި ޒާރޫރީ ބޭނުމަށް ދާ ފަރާތްތަކަށް އެކަނި ކަމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.