ކޮވިޑްޝީލްޑް ވެކްސިން މަދުވެ، މިއަދު ފެށިގެން މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖެހުން ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން މާލެ ސަރަޙައްދުގައި ކޮވިޝީލްޑް ވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ. ވެކްސިން އަލުން ފެށޭ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލަން އެޗްޕީއޭއިން މިއަދު ނިންމިއިރު ރޭ ސަރުކާރުން ވަނީ ކޮވިޑްޝީލްޑް ވެކްސިން މަދުވެފަވާ ކަމަށް އިޢުލާނު ކޮށްފަ އެވެ.

އެޗްޕީއޭގެ މި ނިންމުމާއެކު ރާއްޖޭގައި ދެން ޖަހަމުންދާނީ ޗައިނާގެ ސިނޮފާމް އަދި ފައިޒާ ވެކްސިން އެވެ.

އިންޑިއާއިން ފެންނަ ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ އެ ގައުމުން ވެކްސިން އެކްސްޕޯޓްކުރުން ވަނީ މެދުކަނޑާލާފަ އެވެ.

އިންޑިއާއިން ވެކްސިން އެތެރެކުރުން މެދުކަނޑާލާފައި ވީނަމަވެސް ރާއްޖެއަށް ވެކްސިން ލިބުމުގައި އެއްވެސް ދަތިކަމެއް ނޫޅޭނެ ކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހު މާހިރު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވާއިރު އޭގެ ތެރެއިން އެންމެ ގިނަ މީހުން ޖަހާފައިވަނީ ކޮވީޝީލްޑް ވެކްސިންއެވެ. ވެކްސިންގެ ދެވަނަ ޑޯޒް ޖަހަމުންގެންދާ ދަނޑިވަޅުގައި ކުއްލިއަކަށް ވެކްސިން ޖެހުން ހުއްޓާލުމުން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.