ކޮވިޑުން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ 31 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށް އެޗްޕީއޭގެ އެޕިޑޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް މިރޭ ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 1،903 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ކޮވިޝިލްޑްގެ ފުރަތަމަ ޑޯޒް ޖެހި 4،734 މީހުން ޕޮޒިޓިވްވެފައިވާއިރު، ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 111 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހިތާ ހަތަރު ހަފްތާ ވެފައިވާ 5،932 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެކްސިން ޖެހި މީހުންގެ ތެރެއިން ބަލިވެ ފަރުވާ ދެމުން ދަނީ 2.3 ޕަސެންޓް މީހުންނަށް ކަމަށެވެ. އެގޮތުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައިވާ 160 މީހުންގެ ތެރެއިން 91 މީހުންނަކީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުން ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

ހަމައެހެންމެ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ 30 މީހަކަށް ފަރުވާދެމުންދާއިރު، ވެކްސިން ނުޖަހާ 69 މީހަކަށް ވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފްންގިފިލާގައި އެޑްމިޓްކޮށްފައިވާ އަށް މީހުންގެ ތެރެއިން ދެ މީހުންނަކީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން ކަމަށެވެ. އަދި އެތަނުން އެކަކު ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާއިރު، ހަ މީހަކު ވެކްސިން ޖަހާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.