ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން އެ ވުޒާރާގެ 11 އަންހެން މުވައްޒިފުންނަށް ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކުރަން ނެރުނު އަމުރުގައި ވަކި މުއްދަތެއް ބަޔާންކޮށްފައި ނެތް ކަމަށް ދައުލަތުން ބުނެފި އެވެ.

ދައުލަތުން އެގޮތަށް ބުނީ، އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރި އަމުރު ހައި ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން އަލީ ވަހީދު އުޅޭ ތަނެއް ދައުލަތަށް ސާފުކޮށްދެވި ނުވާތީ ދައުވާ ފޯމު ބާތިލްކުރުމުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން މިއަދު އިޖުރާއީ ގޮތުން ބޭއްވި އަޑުއެހުމުގަ އެވެ.

މަހު ކްރިމިނަލް ކޯޓުން މިދިިޔަ ފްބްރުއަރީ މަހު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމުން އަލީ ވަހީދު ރާއްޖޭން ފުރައިގެން ދިއުމުން ޝަރީއަތް އޮތީ ކުރިއަށް ނުގެންދެވިފަ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ ހަތަރު މަހަށް ކަމަށް ކުރިން ދައުލަތުން ބުންޏަސް މިއަދު ދައުލަތުން މިއަދު ބުނީ ހަތަރު މަސް ކަމަށް އޮތީ އަލީ ވަހީދު ފުރައިގެން ދިޔައިރު އޭނާއާ ޖާމިނުވެފައިވާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ސޮއިކުރެއްވި ލިޔުންތަކުގައި އެކަނި ކަމަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ވަކި މުއްދަތަކަށް ދޫކޮށްފައިވާ ނަމަ އެ މުއްދަތު ހަމަވުމުގެ ކުރިން އިސްތިއުނާފަށް ދިއުމުގެ ބަދަލުގައި މުރާޖައާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަނޭޅެނެތޯ، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސުވާލުކުރެއްވި އެވެ.

ދައުލަތުގެ ފަރާތުން އެ ސުވާލަށް ޖަވާބު ދެމުން ބުނީ، އިސްތިއުނާފުގެ މަގު ހިޔާރުކުރީ މުރާޖައާ އަށް ހުށަހެޅި ނަމަވެސް މައްސަލާގައި ގޮތް ނިންމަވާނީ ހަމަ އެއް ގާޒީއެއް ކަމަށާއި މިއީ އާންމުކޮށް ކަން ހިނގާ ގޮތަށް އެ ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔަ މައްސަލައެއް ނޫން ކަމަށް ވުމުން ކަމަށެވެ.

އެހެން މައްސަލަތަކާ މި މައްސަލަ ތަފާތު ކަމަށް ދައުލަތުން ފާހަގަ ކުރާ ސަބަބުތަކުގެ ތެރޭގައި، ކޯޓުގެ އަމިއްލަ އިސްނެގުމަށް މެޑިކަލް ޗެކަޕް ހެދުމަށް ނިންމައި ހަބީރެއް (އެކްސްޕާޓެއް) ހާޒިރުކުރުމެވެ. އަދި އަލީ ވަހީދު ރާއްޖޭން ބޭރަށް ދާން ޖެހޭ ކަމަށް ޑރ. ޔޫސުފް ޝާން ހެކިބަސް ދެއްވިއިރު ރިއާޔަތްކުރެއްވި ލިޔުންތައް އަދިވެސް ލިބިފައި ނުވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އަދި މިހާތަނަށް ލިބުނީ ޓްރީ ޓޮޕް ހޮސްޕިޓަލުން ދިން ސިޓީއެއް ކަމަށް ދައުލަތުން ބުންޏެވެ.

ދަށު ކޯޓުގައި ކަން ހިނގި ގޮތް ދައުލަތުން ކިޔައިދިންދިއިރު އިރު، ޕާސްޕޯޓް ދޫކޮށްލި އަމުރުގައި ވަކި މުއްދަތެއް ނެތް ކަމަށް ވެސް ދައުލަތުން ވަނީ ބުނެފަ އެވެ. އެގޮތުން ދައުލަތުން ބުނީ ޕާސްޕޯޓް ދޫކުރަނީ ހަތަރު މަހަށް ކަމަށް އަޑުއެހުމުގައި ގާޒީ ވިދާޅުވި ކަމަށެވެ. އަދި ގާޒީ އެހެން ވިދާޅުވިޔަސް ނެރުއްވ އަމުރުގައި ވަކި މުއްދަތެއް ނެތް ކަމަށެވެ. އެކަމަކު އަލީ ވަހީދަށް ޖާމިނުވި ފަރާތުން ސޮއިކުރި ލިޔުންތަކުގައި ހަތަރު މަހުގެ މުއްދަތެއް އޮތް ކަމަށާއި ނަމަވެސް ޕާސްޕޯޓް ދޫކުރުމުގައި އިމިގްރޭޝަނުން ބަލާނީ ކޯޓު އަމުރަށްކަން ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން މިއަދުގެ އަޑު އެހުމުގައި ދައުލަތުން ބުނީ، އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާފައި އޮއްވައި އެ ނިންމުން މުރާޖައާ ކުރުމަށް އަލީ ވަހީދު ހުށަހަަޅާފައިވާކަން ކޯޓުން އެންގުމުން ދައުލަތުން ކޯޓަށް ހާޒިރުވި ކަމަށެވެ. އެ އަޑުއެހުމުގައި ދެއްކީ ކަށީގެ ޑޮކްޓަރު އަލީ މުޒްނީގެ ސޮއި އޮތް ޓްރީޓޮޕް ހޮސްޕިޓަލްގެ ސިޓީއެއް ކަމަށް ދައުލަތުން ބުންޏެވެ. އޭގައި ވަރަށް ގިނަ މެޑިކަލް ޓާމްސް ހުރި ކަމަށާއި އެހެންވެ އެކްސްޕާޓެއްގެ ބަހެއް ނެތި އެއްޗެއް ބުނާކަށް ނޭނގޭނެ ކަމަށް ޝަރީއަތުގައި ބުނެފައިއަދި އެ ސިޓީ އަކީ ސަޕޯޓިން ޑޮކިއުމަންޓެއް ނެތް ސިޓީއެއްކަން ފާހަގަކުރި އެވެ.

ޓްރީޓޮޮޕް ހޮސްޕިޓަލުގެ ޑޮކިއުމެންޓުންތަށް ތަފްސީލު ކުރުމަށް ކަމާ ބެހޭ ތަޖުރިބާކާރަކު ހާޒިރުވާން އަންގަން އަމުރުކުރާނެ ކަމަށް ބުނީ ޝަރީއަތުން ކަމަށް ދައުލަތުން ފާހަގަކުރި އެވެ. ޑޮކިއުމަންޓް ލިބުނީމާ އެކަން އަންގައިދޭން އެދެމުން އައި ނަމަވެސް ނުލިބޭ ކަމަށް ކޯޓުން ބުނަމުން އައިސް މިދިޔަ ފެބްރުއަރީ 9 ވަނަ ދުވަހު ކޯޓަށް ހާޒިރުވި އިރު ކަށީގެ ޑޮކްޓަރު ޝާން ހާޒިރުކޮށްފައި ހުންނެވި ކަމަށެވެ.

އަދި އެ އަޑުއެހުމުގައި، އަލީ ވަހީދުގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ ޑރ. ޝާން ހަވާލާދެއްވީ ކޮން މެޑިކަލް ޑޮކިއުމަންޓަކަށް ކަމަށް ނޭނގޭ ކަމަށް ދައުލަތުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

ޕާސްޕޯޓު ދޫކޮށްލަން އަމުރު ކުރި ދުވަހު ދައުލަތުން ކޯޓަށް ހާޒިރުވެ ޕާސްޕޯޓް ދޫކުރަން އިއުތިރާޒްކޮށްފައިވާނެ ކަމަށާއި ބޭސްފަރުވާ އަށް ދާން ބޭނުންވާ ތަނަކަށް ވަކި މުއްދަތަކަށް ޓްރެވަލް ޑޮކިއުމަންޓް ދިނަސް މައްސަލައެއް ނެތް ކަމަށް ބުނެފައިވާނެ ކަަށް ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ބުނެފަ އެވެ.

މީހަކު ޖާމިނުކޮށްފައި ވަނިކޮށް ޕާސްޕޯޓް ދޫކުރަން ދެކޮޅު ހަދަނީ ކީއްވެތޯ އެއްސެވި ކަމަށާއި ދައުލަތުން އެގޮތަށް ބުނަމުން ދިޔައީ ރާއްޖޭން ފުރައިގެން ދިއުމަށް ފަހު ދެން ރާއްޖޭ ކޯޓަކުން އޭނާ ގެންނަން ވަރަށް އުނދަގޫވާނެތީ ކަމަށް ބުނެ އެކަން ވެސް ފާހަގަކޮށްފައިވާނެ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. ދައުލަތުން ސާފު ޖަވާބެއް ނުލިބޭހައި ކޯޓުން އިސްތިއުނާފު މައްސަލަ ބާތިލްކުރީ ކޮން ގާނޫނަކާ ހިލާފަށްތޯ ނުވަތަ ގާނޫނީ ކޮން ކަމަކަށް ރިއާޔަތްކޮށްފައިތޯ ފަނޑިޔާރުން ކުރި ސުވާލުތަކުގެ ޖަވާބުގައި ދައުލަތުން ސާފު ޖަވާބެއް ނުދެ އެވެ.

ކޯޓުގެ އަޑުއެހުމަށް އަލީ ވަހީދު ހާޒިރު ނުކުރެވުނަސް އައިރު ހާޒިރުގައި އިސްތިއުނާފު އަޑުއެހުން ކުރިއަށް ގެންދަން ހައި ކޯޓުގައި އެދުނު ގޮތަށް ސުޕްރީމް ކޯޓުގައި ވެސް ވަނީ އެދިފަ އެވެ.

ނަމަވެސް އަސާސީ ހައްގުތައް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުންނާއި ގާނޫނީ އެހެން ސަބަބުތައް ވެސް ހުރުމުން ދައުލަތުން ބުނީ ހައްގުތައް އޮންނާނީ ހަމައެކަނި ދައުވާ ލިބޭ ފަރާތަށް ނޫން ކަމަށާއި ދައުވާކުރާ ފަރާތަށް ވެސް ހައްގުތައް އޮންނާނެ ކަމަށެވެ. އަދި މިއީ ވަރަށް ގިނަ، "ވަލްނަރަބްލް" ހެކިންތަކެއް ހިމެނޭ މައްސަލައެއް ކަމަށް ބުންޏެވެ.

މައްސަލަ ލަސްވާ ކޮންމެ ދުވަހަކީ އަނިޔާ ލިބުނު މީހުން އިތުރަށް ވިކްޓިމައިޒްވަމުންދާ ދުވަހެއް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އަދި ބުނީ އަލީ ވަހީދަށް ގުޅޭ ވައިބަ ނަންބަރެއް ހައި ކޯޓާ ހިއްސާކޮށްފައި ވާނެ ކަމަށާއި އެ ނަންބަރު މެދުވެރިކޮށް ކޯޓު އަމުރު ފޮނުވި ކަމަށެވެ. ދައުލަތުން ބުނީ އަލީ ވަހީދަށް އޮންނާނީ އަމުރު ރައްދުވެފައި ކަމަށާއި އެކަމަކު އޭނާ ކޯޓަށް ހާޒިރުވާން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އެހެންވެ އަލީ ވަހީދު ވަނީ އެ ހައްގު ދޫކޮށްލާފައި ކަމަށެވެ.

ދައުލަތުގެ ވާހަކަ ނިމުމުން ފަނޑިޔާރު އަލްމިރަލްދާ ޒާހިރު ވަނީ ދައުލަތާ ސުވާލެއް ކުރައްވައިފަ އެވެ. އެ ސުވާލަކީ އައިރު ހާޒިރުުގައި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި ނަމަ އެކަމުގެ ނަހަމަ ބޭނުން ހިފޭނެތޯ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުން ބުނީ، އެގޮތަށް ނިންމާ ނަމަ ނިންމަން ޖެހޭނީ ވަރަށް ހަރުކަށި އުސޫލުތަކަކާ އެކުގައި ކަމަށެވެ. ދައުލަތުން އެހެން ބުނުމުން ފަނޑިޔާރު ވިދާޅުވީ އުސޫލުތައް ހެދުމަކީ ކޯޓުތަކުން ކުރެވޭނެ ކަމެއްތޯ އާއި އަސާސީ ހައްގުތައް ހަނިކުރުމާ ބެހޭ ގޮތުން ގާނޫނުއަސާސީ އޮތް ގޮތުން އެފަދަ އުސޫލުތަކަކީ ގާނޫނީ ބާރެއް އޮތް ނިންމުމަކަށް ވާނެތޯ ސުވާލުކުރައްވައިފަ އެވެ.

ބައިގަނޑިއިރު ވަންދެން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ސުވާލުތަށް ދައުލަތަށް އަމާޒުވި ނަމަވެސް ދައުުލަތުން ގެންދިޔައީ ތަކުރާރު ޖަވާބުތަކެއް ދެއްވަމުންނެވެ.

އަޑުއެހުން ނިންމަވާލައްވަމުން، ރިއާސަތު ބަލަހައްޓަވާ ފަނޑިޔާރު މަހާޒް ވިދާޅުވީ މައްސަލަ ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ނިންމާ ގޮތެއް އެންގުމަށް އިތުރު އަޑުއެހުމެއް ދެން ނުބާއްވާނެ ކަމަށާއި ގޮތެއް ނިންމުމަށް ފަހު ދައުލަތާއި ކަމާބެހޭ ފަރާތްތަކަށް އަންގައި ކޯޓުގެ ވެބްސައިޓުގައި ވެސް ހާމަކުރައްވާނެ ކަމަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމުގެ އަމުރު ބާތިލްކުރުމުން މިހާރު ވާނީ ކޮން ފައިދާއެއްތޯ ފަނޑިޔާރު ސުވާލުކުރެއްވުމުން ދައުލަތުން ބުނީ ޕާސްޕޯޓް ދޫކުރި އަމުރު ބާތިލްކޮށްފި ނަމަ އަލީ ވަހީދު މިހާރު ހުރި ތަނެއް އިންޓަޕޮލް މެދުވެރިކޮށް ހޯދައި އޭނާ ގެންނަން ކުރަންޖެހޭ މަސައްކަތަށް ފަސޭހަވާނެ ކަމަށެވެ.